ދަޢުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް ޖަލަށް ލުމަށް ނޮވެންބަރު 28 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ފަރާތްތަކުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ދިއުމަށް ހަމަޖެހިއްޖެއެވެ.
ކުރީގެ ރައީސް ޔާމީންއަށް ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނާއި ޔާމީންއަށް ދާއީދު ކުރައްވާ ފަރާތްތަކުން ދަނީ ސިލްސިލާ މުޒާހަރާތަކެއްވެސް ބާއްވަމުންނެވެ. އަދި ޔާމީންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ބުނެ އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.
އަދި ބޭރުގެ ފަރާތްތަކަށްވެސް އެމަނިކުފާނުގެ ހުކުމާއި ބެހޭ ބަޢުލޫމާތު އަންނަނީ ފޯރުކޮށްދެއްވަމުންވެ.
އޮންލައިން ނޫސް މިހާރުގައި ވާގޮތުން އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ބޭފުޅުންނާއި ޖަމިލީހުގައި ތިއްބެވި އެމަނިކުފާނަށް ދާއީދު ކުރައްވާ މެންބަރުން މިއަދު ހަވީރު 4 ޖަހާއިރު ރައީސް ޞާލިޙްއާއި ބައްދަލު ކުރެއްވުމަށް ރައީސް އޮފީހަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ނޫހަށް އިނގިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްވި ކަމުގެ ތުހުމަތުގައި ދަޢުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވި މަނީ ލޯންޑްރިންގެ ކުއް ސާބިތުވުމާއި ގުޅިގެން އެމަނިކުފާނުވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
އެމަނިކުފާނު ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ފުރަތަމަ ގެންގޮސްފައިވަނީ މާލޭ ޖަލަށެވެ. ނަމަވެސް ފަހުން ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. މާފުށީ ޖަލުގައި އެމަނިކުފާނު ހުންނަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހުކުމް އިއްވާ ސިޔާސީ ބޭފުޅުން ބައިތިއްބަން ހާއްސަކޮށް ހަދާފައިވާ ތަނެއްގައެވެ.



