ބާސެލޯނާއަށްވުރެ ކަމުދާ އެހެން ކްލަބެއް ނެތްކަމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ކޮރޭޝިއާގެ އިވާން ރަކިޓިޗް ބުނެފިއެވެ.
މިސީޒަންގައި ބާސެލޯނާގެ ފުރަތަމަ 11 އިން މަދުން ފުރުޞަތު ލިބެމުން އަންނަ ރަކިޓިޗް ބާސެލޯނާ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް މީގެ ހަފްތާއެއްހާ ކުރި ފެތުރިފައިވަނިކޮށް ރަކިޓިޗް މިވަނީ އޭނާ ބާސެލޯނާގައި ހުރީ އުފަލުންކަން ހާމަކޮށްފައެވެ.
"ބާސެލޯނާގައި ހުރެވޭހާ ދުވަހަކު ކުޅެވޭ އެންމެ ރަނގަޅަކަށް ބޭނުން. އަބަދުވެސް ބުނަމުން މިއަންނަނީ ބާސެލޯނާއަށްވުރެ ކަމުދާ އެހެން ކްލަބެއް އަހަންނަކަށް ނެތޭ." ރަކިޓިޗް ބުންޏެވެ.
މީގެއިތުރުން ރަކިޓިޗް ބުނީ، ބާސެލޯނާއިން އޭނޭއަށް ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފާނޭކަމަށާއި، ކުޅުންތެރިންނާއި ކޯޗު އިތުބާރުކުރާފަދަ ކުޅުންތެރިއަކަށްވުމަށް ބޭނުންވާއިރު، ކޮންމެ ކަމަކާއި ކުރިމަތި ލާން ތައްޔާރަށް ހުރިކަމަށެވެ.
އުމުރުން 31 އަހަރުގެ ރަކިޓިޗް މިސީޒަންގައި ބާސެލޯނާގެ ފުރަތަނަ 11 މިހާތަނަށް ފެނިފައިވަނީ އެންމެ ތިން މެޗުންނެވެ.
ރަކިޓިޗަށް ޔޫރަޕްގެ ވަރުގަދަ ކްލަބުތަކުން ފާރަލަމުން އަންނައިރު، އޭގެތެރޭގައި، މެންޗެސްޓާރ ޔުނައިޓެޑް، ޔުވެންޓަސް އަދި އިންޓަރ މިލާން ހިމެނެއެވެ.




