ޖިންސީ ގޯނާކުރި ފުލުސްމީހާ ދޫކޮށްލައިފި

ރޭ އިރާކޮޅުގެ ވަގުތެއްގައި، 18 އަހަރުގެ ދިވެހި ފިރިހެނަކަށް ޖިންސީ ގޯނާކުރި ދިވެހި ފިރިހެން ފުލުސްމީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، 42 އަހަރުގެ ދިވެހި ފިރިހެން ފުލުހަކު، 18 އަހަރުގެ ދިވެހި ފިރިހެނަކަށް ޖިންސީ ގޯނާކުރަން އުޅެ، އެކަމުގެ ތެރޭގައި މާރާމާރީއެއް ހިންގި މައްސަލަ ރޭ 22:50 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ވަގުތުން އެ ފުލުސް މީހާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި، ނަމަވެސް މުއްދަތު ޖަހަން މިއަދު ކޯޓަށް ހާޟިރުކުރުމުން އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.

"މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ ފުލުހެއް، އަދި އޭނާ ވަނީ ވަގުތުން ހައްޔަރުކުރެވިފައި. ނަމަވެސް މިއަދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާއަށް ޝަރުތުކޮށް ބަންދުން ދޫކޮށްލާފައި." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ކޯޓުން އެމީހާ ބަންދުން ދޫކޮށްލި ނަމަވެސް، މި މައްސަލައިގެ ޖިނާއީ ތަޙްޤީޤު ކުރަމުންދާކަމަށާއި، އޭނާގެ ޑިސިޕްލިނަރީ މައްސަލަވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މިފުލުސް މީހާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން ތަޙްޤީޤު ކުރަމުންދާއިރު، އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ