ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އެކްލަބަކާއެކު ހަދާފައިވާ އެއްބަސްވުން އިތުރަށް އާކުރުމުގެ ވިސްނުމެއް ނުގެން ގުޅޭކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
އެމްބާޕޭ ޕީއެސްޖީއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާނެއެވެ. އެހެންކަމުން އެކްލަބުންވަނީ އެމްބަޕޭއަށް އާ އެއްބަސްވުމެއް ހުށަހަޅަށް ތައްޔާރުވަމުންނެވެ.
އެމްބާޕޭއަށް ސްޕެއިންގެ ވަރުގަދަ ރެއަލްމެޑްރިޑުން ފާރަލަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، އެމްބާޕޭފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިން ބޭނުންވާނީ ބެލޮންޑިއޯއަށް ވާދަކުރެވޭފަދަ ބޮޑެތި ކްލަބުތަކެވެ. އަނެއްކޮޅުން ރެއަލްމެޑްރިޑްގެ ކޯޗު ޒިދާން އެމްބާޕޭ ރެއަލްމެޑްރިޑަށް ގެންނަން ވަރަށް ބޭނުންވެއެވެ.
ޕީއެސްޖީ ދާދިފަހުން ކުޅުނު ދެމެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް އުމުރުން 20 އަހަރުގެ އެމްބާޕޭ ބަދަލުކުރުމުގެ ސަބަބުން އެކަމާ ހިތްހަމަނުޖެހިގެން އޭނާ އުޅުނު މަންޒަރުތައްވެސްވަނީ ފެނިގެން ގޮސްފައެވެ.
އެމްބާޕޭފަދަ ޒުވާން ހުނަރުވެރި ކުޅުންތެރިއަކު ހިފަހަށްޓަން ޕީއެސްޖީއިން ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށް ބެލެވޭއިރު، ނޭމާގެ މައްސަލާގައިވެސް އެމްބާޕޭ ހިފަހައްޓަށް ޕީއެސްޖީއަށްވަނީ މަޖުބޫރުވެފައެވެ. ނޭމާ އެނބުރި ބާސެލޯނާއަށް ދިއުމަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިވާއިރު، ނޭމާ ގެނައުމަށްކުރާ މަސައްކަތް ހުއްޓާނުލޭނެކަމަށް ބާސެލޯނާއިންވަނީ ބުނެފައެވެ.
ރިޕޯރޓްތައް ބުނާގޮތުން، 2025 އާއި ހަމައަށް ކޮންމެ ސީޒަންއަކަށް 25 މިލިއަން ޔޫރޯ ލިބޭފަދަ އެއްބަސްވުމެއް ޕީއެސްޖީއިން އެމްބާޕޭއަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.




