އެޗްބޯއިން ގެނެސްދެމުން އަންނަ އެންމެ ކާމިޔާބު ޓީވީ ޝޯ "ގޭމް އޮފް ތްރޯންސް" ގެ އެންމެ ފަހު ސީޒަންގެ ރަސްމީ ޓްރެއިލާ ނެރެފިއެވެ.
ގޭމް އޮފް ތްރޯންސް ގެ 7 ވަނަ ސީޒަން ނުކުތްފަހުން ދެ އަހަރުވެފައިވާއިރު މި ޝޯގެ 8 ވަނަ ސީޒަން ނުކުންނާނެ ދުވަަހަކަށް ފޭނުން ތިބީ ކެތްމަދުވެފައެވެ. އަދި އެޗްބީއޯއިން "ގޭމް އޮފް ތްރޯންސް" ފަހު ސީޒަންގެ ޓްރެއިލާ މިރޭ ދައްކާލައިފައިވާއިރު ގައިންހީބިހި ނަގައިގެންދާ އެތައް މަންޒަރެއް މި ޓްރެއިލާއިން ފެނިގެންދެއެވެ.
ޓްރެއިލާ ފެށިގެންދަނީ، އަނިޔާވެ ބިރުގަނެފައިވާ "އާރްޔާ ސްޓާކް" ވިންޓަރފެލް ގެ ހޯލެވޭގައި ދުވާ މަންޒަރުންނެވެ. މި މަންޒަރުގައި އާރްޔާ މިދުވަނީ "ވައިޓް ވޯކާރްސް" ގެ ކިބައިން ސަލާމަތްވާން ބާއެވެ؟ ދެންފެނިގެންދަނީ އާރްޔާ ވިންޓަރފެލްގައި ހަނގުރާމަ ކުރާއިރު، ވެރިސް އަދި އެހެން މީހުން ވިންޓަރފެލްގައި ފިލާ ހުންނަތަނެވެ.
ޓްރެއިލާގައި ދެން އިތުރަށް ފެނިގެންދާ ފާހަގަ ކޮށްލެވޭ މަންޒަރަކަށް ބަލާލާއިރު، ނައިޓް ކިންގް އަދި ވައިޓް ވޯކާރސް "އައިސް ވޯލަށް" ދިން ހަމަލާއިގައި ސާލާމަތްވާ "ޓޯމަންޑް" އަދި "ބެރިކް" ފެނިގެންދެއެވެ. ޓްރެއިލާއިން ފެނިގެންދާ އެންމެ ފުރިހަމަ މަންޒަރަކީ، "އަންސަލީޑް"، "ޑޯތްރާކީ" އަދި ޑްރެގަން ލަޝްކަރާއެކު ޖޯން ސްނޯ އަދި ޑައިނޭރިސް ވިންޓަރފެލްއަށް އަންނަ މަންޒަރެވެ.
ޓްރެއިލާގެ ވަކިހިސާބަކުން ސިއްސުވާލީ، ވިންޓަރފެލްގައި ހިނގާ ހަނގުރާމައަށްފަހު އެންމެ ފަހުން ވައިޓްވޯކަރސް އަންނަ މަންޒަރުންނެވެ.
އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ގޭމް އޮފް ތްރޯންސްގެ އަށްވަނަ ސީޒަން ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ދުވަސްތަކުގައި އެޗް.ބީ.އޯ އިން ދިޔައީ ސީރީޒްގެ އަދި ކެރެކްޓަރސްތަކުގެ އެތައް ފޮޓޯތަކެއް ފޭނުންނަށް ދައްކާލަމުންނެވެ.




