ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ނުވަ ލައްކަ ރުފިޔާ ދެއްކުމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ.
ސިވިލްކޯޓުން މިފަދަ އަމުރެއް ނެރެފައިވަނީ ނިހާންގެ ނަމުގައި ފުޑް ކޯޓުގެ 22 ވަނަ ޔުނިޓު ކުއްޔަށް ހިފައި އެތަނަށް ދައްކަން ޖެހޭ ކުލި ނުދައްކައި އޮތުމުގެ ސަބަބުންނެވެ.
އެސްޓީއޯއިން ނިހާންގެ މައްޗަށް ދަޢުވާކޮށް ހުށައެޅި މައްސަލަ ބެލުމަށްފަހު މިއަދު ސިވިލްކޯޓުން ކޮށްފައިވާ ހުކުމްގައި ވިދާޅުވީ، ހާބަރު ފުޓްކޯޓެއް ކުއްޔަށް ހިފުމަށްފަހު އެސްޓީއޯއާއި ނިހާނާ ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ތަނުގެ ކުލި ދައްކާފައިނުވާކަމަށާއި އެހެންކަމުން ކުލި ނުދައްކާ މުއްދަތަށް ކުއްޔާ، ޖޫރިމަނާގެ ގޮތުގައި 959،000 ރުފިޔާ ދެއްކުމަށް އަންގާ ކަމަށެވެ.
ސިވިލް ކޯޓުން ނިހާނުގެ ޣައިރު ޙާޟިރުގައި އޭނާގެ މައްޗަށް ހުކުމް ކޮށްފައިވާއިރު، މިފައިސާ ހަމަސް ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ހަލާސް ކުރުމަށްވެސް އަންގާފައިވެއެވެ.
މިފުޑް ކޯޓުގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު ގާތްގަނޑަކަށް 76،0000 ރުފިޔާ ދައްކަން ޖެހޭއިރު މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިހާތަނަށް ނިހާން އެތަނަށް އެއްވެސް ކުއްޔެއް ދައްކާފައި ނުވާކަމަށް އެސްޓީއޯ އިން ކުރި ދައުވާގައި ވެއެވެ.



