ޔޫއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބާސެލޯނާއަތުން ދަށްވެ އިންޓަރ މިލާން މާޔޫސްވެ ކުރަމުން އައި އުންމީދުތައް ފެނަށް ދިޔައިރު، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ރޭގެ މެޗުގައި ބާސެލޯނާގެ ޒުވާން ފާޓީ ކާމިޔާބުކޮށްދިން ލަނޑާއެކު ޗެމްޕިއަންސް ލީގުގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ މަޤާމު އޭނާ މުގުރާލައިފިއެވެ.
ސެންސީރޯގައި ކުޅެވުނު މިމެޗުގައި ބާސެލޯނާ އަތުން އިންޓަރމިލާން ބަލިވެފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ނުކުތްއިރުވެސް ބާސެލޯނާއަށް ގްރޫޕްގެ އެއްވަނަވަނީ ކަށަވަރުވެފައެވެ. އެހެންކަމުން ބާސެލޯނާއިން ރޭގެ މެޗުފަށާފައިވަނީ ބޮޑެތި ބަދަލުތަކަކާއެކުގައެވެ. ރޭގެމެޗުގައި ބާސެލޯނާގެ އިތުބާރު ފޯވާޑު ލިއޮނަލް މެސީ ކުޅެފައެއް ނުވެއެވެ. އެލްކްލެސިކޯ މެޗަށް ތައްޔާރުވުމުގެ ގޮތުން މެސީއަށް ރެސްޓްދިނީ ކަމަށް ކޯޗު ވަލްވާޑޭ މެޗުގެ ކުރިން ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.
ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑުޖަހާފައިވަނީ ބާސެލޯނާއިންނެވެ. މެޗުގެ 23 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާލެސް ޕެރޭޒް ކާމިޔާބުކޮށްދިންއިރު، ރޮމެލޫ ލުކާކޫވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ލަނޑެއްޖަހައި އިންޓަރއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ބާސެލޯނާ މޮޅުވި ލަނޑު މެޗުގެ މެޗުގެ 86 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު، މިއީ ޒުވާން އަންސޫ ފާޓީއެވެ. ފާޓީގެ މިލަނޑާއެކު އޭނާވަނީ ޗެމްޕިއަންސް ލީގުގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. ފާޓީގެ އުމުރަކީ 17 އަހަރާއި 40 ދުވަހެވެ. ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ފާޓީ ރޭގެ މެޗަށް ކުޅެން ނުކުމެފައިވަނީ 85 ވަނަ މިނަޓްގައެވެ.
މިގްރޫޕް އަނެއް މެޗުގައިން ސްލާވިއާ ޕްރާހާއާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން ޑޯޓުމުންޑް މޮޅުވެފައިވާއިރު، މިމޮޅާއެކު ޑޯޓުމުންޑަށްވަނީ ގްރޫޕް އެފް ގެ ދެވަނަ ލިބިފައެވެ. 7 ޕޮއިންޓާއެކު އިންޓަރއަށް ގްރޫޕްގެ ތިންވަނަ ލިބޭއިރު އިންޓަރވަނީ ޗެމްޕިއަންސް ލީގުންކަޓައި ޔޫރޮޕާ ލީގަށް ދާންޖެހިފައެވެ.



