ޔޫސީއެލް - ޑައިނަމޯ ކޮޅަށް ހެދި ހެޓްރިކާއެކު ޖީސޫސް ނޭމާގެ ރެކޯޑު މުގުރާލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޑައިނަމޯ ކޮޅަށް ހެދި ހެޓްރިކާއެކު މެންޗެސްޓާ ސިޓީއަށް ކުޅެމުންނ އަންނަ ގެބްރީއެލް ޖީސޫސް ނޭމާގެ ރެކޯޑު މުގުރާލައިފިއެވެ.

އެކުވެރި ނޭމާ ހަދާފައިވާ ހެޓްރިކް ޖީސޫސް ރޭ މުގުރާލިއިރު، އޭނާވަނީ ކެރިއަރުގައި ޖެހި ލަނޑުގެ އަދަދު 100 އަށްވެސް އަރުވާފައެވެ.

ކޮރޭޝިއާގައި ރޭ ކުޅެވުނު މެޗު ސިޓީއިން ކާމިޔާބުކޮށްފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފެއްޓުމާއެކު ޑައިނަމޯއިންވަނީ ލަނޑެއްޖަހައި ސިޓީ ސިއްސުވާލާފައެވެ. 10 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ އޮލްމޯއެވެ. ނަމަވެސް ވަރުގަދަ ސިޓީއިން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖީސޫސްގެ ލަނޑަކާއެކު މެޗުގެ ނަތީޖާވަނީ ހަމަހަމަކޮށްފައެވެ.

ސިޓީއިން ކޮންޓްރޯލް ކުރި މިމެޗުގެ ދެވަނަ ހާފަށް ސިޓީއިން ނުކުމެ މެޗުގެ ނަތީޖާ ސިޓީކޮޅަށް އަނބުރާލާފައިވާއިރު، މެޗުގެ ފަހު ހާފުގައި ސިޓީއިންވަނީ 3 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެތެރެއިން 2 ލަނޑުޖަހައި ޖީސޫސް މެޗުގައި ހެޓްރިކެއް ހަމަކުރިއިރު، ސިޓީގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ.

ރޭގެ މެޗުގައި ޖީސޫސް ޖެހި ދެވަނަ ލަނޑަކީ އޭނާ ކެރިއަރުގައި ޖެހި 100 ވަނަ ލަނޑެވެ. ބްރެޒިލްގެ ޕަލްމެއިރަސްއަށް ޖީސޫސް 28 ލަނޑުވަނީ ކާމިޔާބުކޮށްދީފައެވެ. އަދި ބްރެޒިލްގެ ޤައުމީޓީމަށް 18 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، ޖީސޫސް ސިޓީއަށް 55 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

ރޭގެ މެޗުގައި ހެދި ހެޓްރިކާއެކު ޖީސޫސް ޗެމްޕިއަންސް ލީގުގައި ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު 10 އަކަށްވެސްވަނީ އަރުވާފައެވެ. މިއާއެކު ޗެމްޕިއަންސް ލީގުގައި 10 ލަނޑު ހަމަކުރި ބްރެޒިލްގެ އެންމެ ޒުވާން ކުޅުންތެރިޔާއަށްވެސް އޭނާވަނީ ވެގެން ގޮސްފައެވެ. މިރެކޯޑު ކުރިން ނޭމާ އަތުގައި އޮންނައިރު ނޭމާ ޗެމްޕިއަންސް ލީގު 10 ލަނޑު ހަމަކުރިއިރު އުމުރަކީ 23 އަހަރާއި 75 ދުވަހެވެ. ޖީސޫސް މިރެކޯޑު މުގުރާލިއިރު އުމުރަކީ 22 އަހަރާއި 252 ދުވަހެވެ.

ސިޓީއިން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ގްރޫޕް ސީ ގެ އެއްވަނައިގެ ގޮތުގައި ދަތުރުކޮށްފައިވާއިރު، 6 މެޗުން ޖުމްލަ 14 ޕޮއިންޓްވަނީ ހޯދާފައެވެ. 7 ޕޮއިންޓާއެކު މިގްރޫޕްގެ ދެވަނަ އެޓްލާންޓާއަށް ލިބޭއިރު، ތިންވަނާގައި އޮތް ޝަކްތަރ ޑޮނެސްކްއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ