އެތުލެޓިކޯ ދޫކޮށްލީ ތަށީގެ ބޭނުމަކު ނޫން: ގްރިޒްމަން

އެތުލެޓިކޯ ދޫކޮށް ބާސެލޯނާއާއި ގުޅުނީ ތަށި ހޯދުމުގެ ބޭނުމުގައި ނޫންކަމަށް އޮންޓޮއިން ގްރިޒްމަން ބުނެފިއެވެ.

އެތުލެޓިކޯ ދޫކޮށް ގްރިޒްމަން ބާސެލޯނާއާއި މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ގުޅުނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

"އަހަރެން އެތުލެޓިކޯ ދޫކޮށްލީ ތަށި ހޯދުމުގެ ބޭނުމަކު ނޫން. އެހެން ނަމަވެސް އިތުރު ސްޓައިލެއް ދަސްކުރުމަށް." ޔޫއެފާ ޓީވީއަށް ދިން އިންޓަރވިއުއެއްގައި ގްރިޒްމަން ބުންޏެވެ.

އާ ކްލަބަކާއެކު ފުޓްބޯޅައިގެ އާ ސްޓައިލެއް ދަސްކުރުމުގެ ބޭނުމައި ބަސެލޯނާއާއި ގުޅުނު ގްރިޒްމަން ބުނީ، ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކުރުމުގެ ޤާބިލުކަށް އުލެޓިކޯ މެޑްރިޑްގައިވެސް އެބަހުރިކަމަށެވެ.

ބާސެލޯނާގެ އާ މަޤާމަށް ގްރިޒްމަންގެ ކުޅުން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން އަންނައިރު، ކުޅުންތެރިންނާއެކު ދަނޑުމަތީ އޮންނަ ގުޅުން ރަނގަޅުވަމުން އަންނަކަމަށްވެސް ގްރިޒްމަންވަނީ ބުނެފައެވެ.

21 މާރޗް 1991 ގައި ފްރާންސްގެ މާކޮންއަށް އުފަންވި ގްރިޒްމަންއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ރެއަލްސޮސިޑޭޑްއިން ވިދާލި ގްރިޒްމަން އެތުލެޓިކޯ މެޑްރިޑާއި 2014 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ގުޅުނީ 30 މިލިއަން ޔޫރޯ އަށެވެ.

ގްރިޒްމަން އެތުލެޓިކޯގައި ފަސް ސީޒަންގައި ހޭދަކުރިއިރު، އެތުލެޓިކޯއާއެކު 1 ޔޫއެފާ ސުޕަރކަޕް، 1 ސްޕެނިޝް ސުޕަރކަޕް، 1 ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވެއެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސްއާއެކު ކާމިޔާބު ގްރިޒްމަންވަނީ ކޮރޭޝިއާއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ