ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ތުހުމަތެއްގައި ގެންދިޔަ ދެމީހަކަށް އަނިޔާކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި އަނިޔާކޮށްފައިވަނީ، އެރަށުގައި ހަރަކާތްތެރިވާ ދެ ފުލުހެއްގެ ސައިކަލުގެ މަޑީގައި ކަޓަރު އެޅި މައްސަލައެއްގެ ތުހުމަތަށް ބަންދުކުރި ދެ ޒުވާނުންނަށެވެ.
މިކަމާ ގުޅިގެން މިނޫހުން ފުލުހުންނާ ސުވާލުކުރުމުން އޭރު ވިދާޅުވީ، 2019 ނޮވެމްބަރު 29 ވަނަ ދުވަހު ދެ ފުލުހަކަށް ބިރުދައްކާ، އިންޒާރުދީ އަދި އެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އެ ޒުވާނާ ހައްޔަރުކޮށް ވެއްދިއިރު އެއްވެސް އަނިޔާއެއް ހުރިކަމަށް މަޢުލޫމާތު ލިބިފައެއް ނުވި ނަމަވެސް، ޑިސެމްބަރު 6 ވަނަ ދުވަހު އޭނާ ރޯގާޖެހި ބަލިވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އިނގިލީގައިވެސް ރިއްސާކަމަށް ބުނާތީ، އެކްސްރޭ ނެގިއިރު ކަނާތު އިނގިއްޔެއްގެ ކަށިގަނޑަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ފުލުހުން އެވިދާޅުވާ 25 އަހަރުގެ ޒުވާނަކީ ހދ. ކުޅުދުއްފުށީ އަންދަރުސަވާ، އަޙްމަދު ޙުސައިންއެވެ. އަދި އެ މައްސަލައިގައި ދެން ހައްޔަރުކުރި ޢަލީ އަބޫބަކުރު އާއިގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.
މި މައްސަލައާއި ގުޅޭގޮތުން މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރޭ ފުލުހުން ވިދާޅުވީ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.
"ފުލުހުން ދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރަމުން." ފުލުހުން ވިދާޅުވިއެވެ.
އަނިޔާކުރި ފުލުހުންގެ ނަންތަކާއި، ފޮޓޯވެސް ޢާއްމުވެފައިވާއިރު، އޭގެ ތެރެއިން ފުލުހަކު ހައްޔަރުކޮށްފައިވާކަމަށް މީސްމީޑިއާގައި އަޑު ފެތުރިފައިވީ ނަމަވެސް، އެކަން ފުލުހުން ދޮގުކުރެއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލައިގައި އެއްވެސް ފުލުހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.





2 Responses
mini van Kan mathee abadah
Thikameh nuvaane eyah vure e aniyaa kuri 3 fuluhunge nufoozu boduvaane