މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ބަނގުރަލާއެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް، ޑްރަގް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ރޭ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން އިލްހާމްގެ ގެކޮޅު ކަމަށްވާ މާފަންނު ހަވީރީމަންޒިލްގައެވެ. ނަމަވެސް ފުލުހުން ބަލާ ފާސްކުރީ ވަހީދުގެ އަނބިކަނބަލުން ދިރިއުޅުއްވާ އެޕާޓްމެންޓެއް ނޫނެވެ.
"މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކާއި، 47 އަހަރުގެ ދިވެހި ފިރިހެނެއް." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 33 ދަޅާއި، 22 ފުޅި ބނަގުރަލާއި، 8 ކޭސް ބަނގުރާ ފެނިފައިވާ ކަމަށެވެ.
"މީގެ އިތުރުން (އެގެއިން) ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްއިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.




