މައި ކަޕް މިއަދުގެ މެޗުގައި ހަމަނުޖެހުން ހިންގައިފި

ހއ. އިހަވަންދޫގައި ކުރިއަށްދާ މައި ކަޕްގައި މިއަދު ކުޅެވުނު މެޗުގައި ހަމަނުޖެހުން ހިންގައިފިއެވެ.

ދިއްދޫ އެޗްއެން ސްޕޯރޓްސް ކްލަބާއި މާރަންދޫ ޔޫތު ސޮސައިޓީ ބައްދަލުކުރި މިއަދުގެ މެޗު ހޫނުވެފައިވަނީ މެޗު ނިމުނުފަހުންނެވެ.

1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވުމުން މާރަންދޫ ޓީމުން މެޗުގައި ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ތެރޭގައި ހިނގާދިޔައ މިހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވަނީ ފުލުހުންކަމަށް މިނޫހަށް މަޢުލޫމާތު ދެމުން މަންޒަރުދުށް މީހަކު ބުނެފައިވެއެވެ.

މައިކަޕަކީ ހއ. އަތޮޅުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގައި މިއަހަރު 12 ޓީމަކުން ބައިވެރިވެފައިވެއެވެ.

މިކަމާއި ގުޅިގެން މިނޫހުން ސުވާލުކުރުމުން ފުލުހުން ވިދާޅުވީ، މިއަދުގެ މެޗުގައި ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށާއި، ނަމަވެސް މެޗު ނިމުނު ވަގުތު ޝަކުވާކުރުމަށް ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީ ވަށާލިކަމަށެވެ.

މިއަހަރުގެ މައިކަޕް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ފައްޓާފައިވާއިރު، މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަސްއަދު ޢަލީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ