ބާސެލޯނާއިން ނުދައްކާ އޮތް 3.5 މިލިއަން ޔޫރޯ ހޯދުމުގެ މަސައްކަތް ނޭމާ އަނެއްކާ ފަށައިފި

ބާސެލޯނާއިން ނުދައްކާ އޮތް 3.5 މިލިއަން ޔޫރޯ ހޯދުމުގެ މަސައްކަތް ނޭމާ އަނެއްކާވެސް ފަށައިފިކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ބޯނަސްގެ ގޮތުގައި ނޭމާއަށް ލިބެންޖެހޭ ފައިސާ އޭނާ ޕީއެސްޖީއަށް ބަދަލުވުމުގެ ސަބަބުން ބާސެލޯނާއިން ދީފައިނުވާކަމަށް ނޭމާ ތުޙުމަތު ކުރާއިރު، މިމައްސަލަ މީގެ ކުރިންވެސް ފެންމަތިވެފައިވެއެވެ. ރިޕޯރޓްތައް ބުނާގޮތުން 3.5 މިލިއަން ޔޫރޯ ހޯދުމަށްއެދި ބާސެލޯނާއާއި ދެކޮޅަށް ނޭމާ މައްސަލަ އަލުން ހުށަހެޅީއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާއިން ނޭމާ އެނބުރި ކްލަބަށް ގެނައުމަށް ނުހަނު މަސައްކަތްކޮށްފައިވާއިރު، ނޭމާ ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާ ވާހަކަތަކެއް އޭރު ދެކެވުނު ނަމަވެސް، ނޭމާ ބާސެލޯނާއަށް އެނބުރި ނުދެވުމުން އަލުން އެމައްސަލަ ނެގީކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

އަނެއްކޮޅުން ނޭމާ ބާސެލޯނާއަށް ގެންނަށް އަބަދުވެސް މަސައްކަތްކުރާނެކަމަށް އެކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބީދާލް ބުނެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

އެހެންނަމަވެސް ނޭމާގެ މިޢަމަލުތަކުގެ ސަބަބުން ބާސެލޯނާގެ ޝައުޤުވެރިކަން ނޭމާއަށް ކުޑަވެގެންދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ