ޔޫރޮޕާލީގު - އަލްކްމާރް ބަލިކޮށް ޔުނައިޓެޑުން ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުން އަލްކްމާރް ބަލިކޮށް މެންޗެސްޓާރ ޔުނައިޓެޑުން ގްރޫޕް އެލް ގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

އޯލްޑްޓްރެފޯޑުގައި ކުޅެވުނު މިމެޗު ޔުނައިޓެޑުން ފަޞޭޙަކަމާއެކު ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފު ނިމިގެންގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެހެންނަމަވެސް ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑް ފުލުފުލުގައި ލަނޑުޖަހައި މެޗ ކަށަވަރުކުރިއިރު، ޒުވާން މޭސަން ގްރީންވުޑް ދެލަނޑު ޖަހާފައިވެއެވެ. އަދި އުމުރުން 18 އަހަރާއި 72 ދުވަހުގެ މޭސަންގެ މިދެލަނޑާއެކު ޔޫއެފާ މެޗެއްގައި ދެލަނޑުޖެހި އެންމެ ޒުވާންކުޅުންތެރިޔާއަށް އޭނާވަނީ ވެގެން ގޮސްފައެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑަށް ގްރޫޕް އެލް ގެ އެއްވަނަ ކަށަވަރުވެފައިވަނީ ހަމެޗުން ލިބުނު 13 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް އަލްކްމާރަށް ހަމެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ.

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ސްޓޭންޑާޑް ލީޖްއާއި އާސެނަލް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައި ސްޓޭންޑާޑް ލީޖުންޖެހި ލަނޑުތައް ބަސްޓެއިންއާއި އަމައްލާ ކާމިޔާބުކޮށްދިންއިރު، އާސެނަލްގެ ދެލަނޑު ޖަހާފައިވަނީ ލަޒެޓާއި ސާކާއެވެ. ރޭގެ މެޗުން އެއްވަރުވިނަމަވެސް އާސެނަލްއިން ގްރޫޕް ސްޓޭޖް ނިންމާލާފައިވަނީ ގްރޫޕް އެފް ގެ އެއްވަނާގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ