ކިނބިވަލު ކަމަނަ (7)

(ހަވަނަ އަދަދާއި ގުޅޭ)

"ޒީ ނާ" އަނެއްކާވެސް ޒީނާގެ ކަންފަތްދޮށުގައި ވައިއަޑަކުން މީހަކު ގޮވާލިއެވެ. ބައެއް ފަހަރު އެއީ ފިރިހެން އަޑެއްހެން ހީވި ނަމަވެސް ޒީނާއަށް ބޮޑަށް ބުރަވެވުނީ އެއީ އަންހެން އަޑެއް ކަމަށެވެ. ޒީނާ ވަށައިގެން އެނބުރި ބަލާލިއެވެ.

"ކާކު؟" ޒީނާ ބިރުގަންނަން ފެށިއެވެ.

"ކާކު" އެ އަޑުން އެމީހަކު ހުއްޓާނުލާ ޒީނާއަށް ގޮވަމުން ދިޔައެވެ. ޒީނާ ބިރުން ފިތް ކަނޑައިގެންދިޔައެވެ. ދެއަތުން ކަންފަތްމަތީގައި އަތް އަޅާ ރޯން ފެށިއެވެ. ޒީނާ ރޯން ފެށުމާއި އެކުގައި އެމީހަކު ބިރުވެރި އަޑަކުން ހޭންފެށިއެވެ. ހޭހުސްވެގެން ޒީނާ ވެއްޓުނީ އެވަގުތުއެވެ.

-------------------------

ހޭޖެހުނު އިރު ޒީނާ އޮތީ އެނދުމަތީގައެވެ. ކައިރީގައި ނާއިލް ފެންކަޅިވެފައި އިނެވެ. ތަންކޮޅެއް ދުރުގައި ބަރްޝާ ހުއްޓެވެ. ތަސްލީމްގެ ގޮނޑީގައި ހިފަހައްޓައިގެންނެވެ. ތަސްލީމްގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އަނގައިން ނުބުނެވުނަސް، އިޝާރާތެއް ނުކުރެވުނަސް އޭނާގެ ދެލޯހުރީ ފެންކަޅިވެފައެވެ.

"ކިހިނެއްވީ؟" ނާއިލް ޒީނާގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ.

"ނޭނގޭ. އަހަރެން ދައްކާ ވާހަކައެއް ނާއިލް ގަބޫލެއް ނުކުރާނެ." ޒީނާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"ޒީ ބުނީމައެއްނު އެނގޭނީ" ނާއިލް އޯގާތެރި ކަމާއި އެކުގައި ޒީނާއާއި ވާހަކަ ދެއްކިއެވެ.

"މިރަށަށް އައިފަހުން ކޮންމެވެސް މީހެއް... ނޫން ކޮންމެވެސް އެއްޗެއް އަބަދު އަހަންނަށް ގޮވަނީ. އަހަންނަށް ނިދެނީއެއް ނޫން. ނިދޭއިރަށް ކަންފަތްދޮށުގައި ގޮވަން ފަށާނެ. ހޮޅިބުރިތަށް ނިވި ދިއްލޭނެ. ހިޔަނި ފެންނާނެ. ހީވަނީ މިރަށުގައި އަހަންނަށް ނަފްރަތުކުރާ އެއްޗެއް އުޅެނީހެން. ނާއިލް ހެޔޮ ނުވާނެ އަހަރެން ދައްކާ ވާހަކަތަށް ގަބޫލުކޮށްބަލަ. އަހަންނަކީ ދުވަހަކުވެސް މިކަހަލަ ވާހަކަ ދައްކާ ހަދާ މީހެއް ނޫނެއްނު؟" ޒީނާއަށް ރޮވެން ފެށުނެވެ.

"ޒީ ތިހެން ނުރޮއިބަލަ. ޒީ ރޮންޏާ އަހަރެން ކިހާ ދެރަވާނެ. ކުއްލިއަކަށް މާހައުލު ބަދަލުވީމަ ތިކަހަލަ އެއްޗެހި ހިތަށް އަރާފާނެ. މިތަނަށް ހޭނިލަން އަމިއްލަ މީހާއަށް ކުޑަ ވަގުތުކޮޅެއް ދީބަ ޒީ. ބައްޕަވެސް މިއަދު ހެނދުނު ހާމިދުމެން ގެއިން މިގެނައީ މިކޮޅަށް. ކޮޓަރި ނުނިމުނަސް ސިޓިންގ ރޫމްގައި ބަހައްޓަން ވިޔަސް ހެޔޮ ކަމަށް. އެއީވެސް ބައްޕަ ފެންނަން ހުރީމަވެސް ޒީއަށް ހިތްހަމަޖެހުން ލިބޭނެހެން ހީވާތީ. އަނެއްކާ އަނެއްކޮޅުން ބަރްޝާވެސް މިހާރު މިހުރީ އެއްނު؟ ކުދިންގެ ކަންތަކާވެސް އެހާ ބޮޑަށް މިދުވަސްކޮޅުގައި ނުވިސްނާ." ނާއިލް އެއް ފައްޗަކަށް ކިޔާލިއެވެ.

"އަހަރެން ބުނީމެއްނު ނާއިލްވެސް އަހަރެން ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނެއޭ. އެންމެންނަށްވެސް އެނގޭނީ އެމީހަކަށް މިކަހަލަ ކަމެއް ދިމާވީމަ." ޒީނާ ރުޅިއައިސްގެން ގައިމަތީގައި އޮތް ރަޖާގަނޑު ދަމާލާ މޫނުމަތީގައި އަޅައިގެން އޮތީއެވެ. ހިތާ ހިތުން އެންމެންނަށް އެއްޗެހި ކިޔާލަ ކިޔާލައެވެ.

***

ނާއިލްއަށް ދިމާވެގެން އުޅޭ ކަންތަކާއި މެދުގައި ހާމިދު ދިޔައީ ރެއާއި ދުވާލު ވިސްނަމުންނެވެ. ތަކުރާރުކޮށް ނާއިލްގާތުގައި ފަންޑިތަވެރިކަމެއްތޯ ބެލުމަށް އެދުނު ނަމަވެސް ނާއިލް އެކަމަކަށް އެއްބަހެއް ނުވެއެވެ. ޒީނާގެ ބައްޔަކީ ނަފްސާނީ ބައްޔެއް ކަމަށް ގަބޫލުކޮށް ނާއިލްއައީ އެކަމަށް ފަރުވާ ކުރަމުންނެވެ. ޒީނާގެ ހާލު ގޯސްވަމުންދާތަން އެންމެ ގާތުން ފެންނާތީ ހާމިދަށް އުނދަގޫތަކެއް ވަމުން ދިޔައެއެވެ. ސަބަބަކީ ހާމިދު ދެކެނީ ޒީނާއަކީ އަމިއްލަ ދަރިއެއްގެ ގޮތުން ކަމަށްވާތީއެވެ.

ޒީނާއަށް ދިމާވެގެން ކަމެއް ހޯދާ ބެލުމަށް އަތުކުރި އޮޅާލައިގެން ހުރި ހާމިދު ގަބޫލު ކުރީ އެއީ ނަފްސާނީ ކަމެއް ނޫންކަން ނާއިލް ގަބޫލު ކުރާނެ ވަރުގެ ހެއްކެއް ހޯދުމަށެވެ. ރަށުގައި ހުރި ފަންޑިތަ ހަދާ ޔަހުޔާގާތަށް ފާލެއް ބަލާލަން ހާމިދު ދިޔައީ އެހެންވެގެންނެވެ. ޔަހުޔާގެ މޮޅުކަމުގެ ވާހަކައަކީ މުޅި ރަށުގައި އަބަދުމެ ދެކެވެމުން އަންނަ ވާހަކައެކެވެ. ޔަހުޔާގެ ބައްޕަ ރެކި ހުތާއަކީވެސް ދުނިޔޭގައި ހުރި އިރު ފަންޑިތައަށް ނިކަން މޮޅު މީހެކެވެ.
ޔަހުޔާ ހެދި ފާލުން އެނގުނު ގޮތުގައި ޒީނާއަށް ދިމާވެގެން އުޅެނީ ޑޮކްޓަރީ ބައްޔެއް ނޫންކަން ހާމިދުއަށް ޔަގީންވިއެވެ. އަދި ޔަހުޔާގެ ވާހަކައިން އެއީ ޒީނާގެ ދުވަސް ދުއްވާލަން ވިއްދާފައިހުރި ޖިންނިއެއްކަން ހާމިދުއަށް އެނގުނެވެ. އަދި ޔަހުޔާ ހާމިދު ކައިރީގައި ބުނީކަމަށްވަނީ އެ އެއްޗެއް އަބަދު ޒީނާ ފެންނަ ފަށުގައި އުޅޭކަމަށެވެ. އިތުރަށް ބަލާލުމަށް ވަގުތުކޮޅެއް ދިނުމަށް ޔަހުޔާ އެދުމުން އެކަމަށް އާނބަސް ހާމިދު ބުންޏެވެ. ނަމަވެސް އަމިއްލައަށްވެސް ކަންތައްތަށް ބެލުމަށް އޭނާ ބޭނުންވިއެވެ.

ގިނަ ވަގުތު ހާމިދު ނާއިލްމެންގެ ގޭގައި ހޭދަކުރަމުން ދިޔައެވެ. ދުރާއިގާތުން އެންމެންގެ އުޅުމަށް ރަނގަޅަށް ބަލަމުންނެވެ. ގޭގެގައި އުޅޭ އެންމެންނަށް އެންގުމެއް ނެތި ހާމިދު އައީ ވަރަށް ރަނގަޅަށް ފާރަލަމުންނެވެ. ބަރްޝާގެ މައްޗަށް ހާމިދުއަށް ޝައްކު އުފެދެން ފެށީ އެހެން އުޅުމުގެ ތެރޭގައެވެ. ޒީނާ ގާތަށް ބަރްޝާ ދިޔުމަށް ފަހު ކޮންމެވެސް އުނދަގޫތަކެއް އަބަދުވެސް ޒީނާއަށް އައީ ވަމުންނެވެ. އެކަން ޒީނާއަށް ފާހަގަ ނުވި ނަމަވެސް ހާމިދުއަށް ފާހަގަވާން ފެށިއެވެ.

ބަރްޝާގެ ހަގީގަތް ބަލާހޯދުމަށް ހާމިދު މަސައްކަތްފެށީ އެހިސާބުންނެވެ. އެކަމުގައި އެއްވެސް މީހަކަށް ސަބަބު އެންގުމެއް ނެތި ހާމިދު ބަރްޝާގެ ރަށަށްދިޔައެވެ. އެ ރަށުންވެސް ހާމިދުއަށް ލިބުނީ ހައިރާން ކަމެކެވެ. ލިބުނީ އިތުރު ސިހުމެކެވެ.

"ހަމަ ޔަގީންތަ؟" ހާމިދު ހޮޅުއަށީގައި އިނދެގެން ވާހަކަ ދެއްކީ އަލިފުޅާއެވެ.

"އަޖައިބެއް. ކިތައްފަހަރު މަ ބުނީމަތަ ހާމިދު ގަބޫލުކުރާނީ؟ އަހަރެން އަދިވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުރި އެރޭ. އަހަރުމެން އެންމެން ތިބީ ނިދާފައި. ހޭލެވުނީ ބަޔަކު ގޭގެ ދޮރުގައި ތަޅައިގަތީމަ. ނިދި ނުފިލާ ހުރެގެން ދޮރު ހުޅުވަން ދިޔުމުގެ ތެރޭގައި އެތާ ހުރި ކަބަޑެއްގައި ޖެހިފައި އަހަރެންގެ ކުޑަވާ އިނގިލީގެ ނިޔަފަތިގަނޑު ހަލާކުވީ. ބަރްޝާ ގެއްލިގެން ރަށުގެތެރޭގައި އެންމެން އެރޭ ތެޅި ފޮޅުނީ. އެ މަންޖެ ފެނުނީ ފަތިސް ނަމާދަށް ބަންގިވެސް ގޮވިފަހުން. ވަރަށް އިހާނެތިކޮށް މަރާލާފައި އޮއްވާ. މިއަދުވެސް އެ ހަނދާންވީމައި އަހަރެންގެ ގައިން ހީބިހި ނަގާ. އަހަރެންގެ ހިތެއް ނުބުނޭ އެއީ އިންސާނެއްގެ ކަމެކޭ. އިންސާނަކަށް ނުކެރޭނެ އެހާ ރަހުމު ކުޑަކޮށް އެހެން އިންސާނަކު މަރާލާކަށް. އެ މަންޖެގެ އެއްލޯ ނުވެސް ނެތް. ދޫވެސް އޮތީ ބޭރަށް ނުކުމެފައި. ބަނޑުވެސް އޮތީ ފަޅާލާފައި. އަހަރެން ގަބޫލެއް ނުކުރާނަން ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭ ބުންޏަސް. އެއީ އިންސާނެއްގެ ކަމެއްނޫން." އަލިފުޅު ދެއްކި ވާހަކައިން ހާމިދު ދެރަވި ނަމަވެސް އެއަށްވުރެ ބޮޑަށް ހިތަށް ވެރިވީ ބިރުވެރިކަމެވެ. މީހާގެ ސިކުނޑީގެ ތެރޭގައި ގިނަވެ ފުނި ޖެހުނީ އެތަށް ބައިވަރު ސުވާލުތަކެކެވެ. އެ ހުރިހާ ސުވާލެއްގެ ޖަވާބު އެންމެ ފަސޭހައިން ލިބޭނީ ބަރްޝާގް ފަރާތުންކަން ހާމިދަށް އެނގެއެވެ.

***

ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް ގެއަށް ބަދަލުވިތާ މިހާރު އަހަރުވަނީއެވެ. ދުވަހަކަށް ވުރެ ދުވަހަކު ޒީނާގެ ހާލަތު ބޮޑުވަމުން ދިޔައެވެ. މިހާރު ކުދިންނާއި އަޅާލަންވެސް ޒީނާއަށް އުނދަގޫވެއެވެ. ކުދިން ކިތަންމެ ވަރަކަށް ރޮއި ހެދިނަމަވެސް ޒީނާއަށް ކުދިންނަށް ފަރުވާލެއް ނުދެވެއެވެ. ކުދިންގެ ހުރިހާ ކަމެއް ކުރަނީ ބަރްޝާއެވެ. ޒީނާގެ ކަމަކީ އަބަދުވެސް ދެކަންފަތުގައި އަތް އަޅައިގެން އެއްޗެހިތަކެއް ކިޔުމެވެ. މީހުންނާއި ދިމާއަށް އެއްޗެހި ކިޔުމެވެ. ނާއިލްއާއި ދިމާއަށްވެސް އެއްޗެހި ކިޔެނީއެވެ. ލޯބިން ނާއިލް އަތްޖައްސާލަން މަސައްކަތް ކުރި ނަމަވެސް ޒީނާ ހަޅޭއްލަވަން ފަށައެވެ.

ޒީނާގެ އުޅުމަށް އަންނަމުން ދިޔަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ނާއިލް ހުންނަނީ އަބަދުވެސް ސިކުނޑި ސުމަކަށް ގޮސްފައެވެ. ކުދިންގެ ކަންތަކާއިމެދު އަބަދު ވިސްނެނީއެވެ. އުފާވެރި ހަޔާތަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުން މީހާ މާޔޫސްވާގޮތްވަނީއެވެ. އެ ހުރިހާ ކަމެއްގެ ތެރޭގައި ބަރްޝާގެ އެހީތެރިކަން ލިބޭތީ ނާއިލް ހުރީ ބަރްޝާއަށް ޝުކުރުކޮށްކޮށެވެ.

ރޭގަނޑުގެ އަނދިރިކަމާއި އެކުގައި މުޅި ރަށަށްވެރިވެފައިވީ ހަމަހިމޭންކަމެވެ. އާދައިގެ މަތިން ގޭތަކުން މީހުން ބޭރަށް ނުކުމެ އުޅޭތަނެއް ނުއެއް ފެނެއެވެ. އަމްނާއާއި އަމާން ނިންދަވާލުމަށްފަހުގައި ބަރްޝާ މަޑުމަޑުން ހިނގައިގަތީ ގެއިން ބޭރަށް ނިކުންނާށެވެ. މީހަކަށް އަޑު ނީވޭހާ މަޑުމަޑުން ފިޔަވަޅުތަށް ނަގަމުން ގޮސް ބަރްޝާ ގެއިން ބޭރަށް ނުކުމެ ދޮރު ލައްޕާލިއެވެ. އަދި ދޮރު ލެއްޕުނުތޯ ޔަގީންކޮށްލުމަށް ތަޅުގައި ހިފާ ކުޑަކޮށް ކޮށްޕާލިއެވެ.

ވިހަ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވައިގެންގޮސް ބަރްޝާވަނީ ކިނބިވަލަށެވެ. ފަސްއެނބުރި ބެލުމެއްނެތި ބަރްޝާ ވަލަށް ވަދެވަދެގެން ދިޔައިރު ހީވަނީ އެއީ އަބަދު ހިނގާ ހަދާ ހިތުދަސްވެފައިވާ މަގެއް ހެންނެވެ. އާއްމުކޮށްވެސް ކަންތައް ކުރާ ގޮތަށް ކިނބިމާތަކަށް ނާރާ ދިޔައިރު ހީވަނީ އެ އަނދިރިކަމުގެ ތެރެއިންވެސް ސާފުކޮށް ފެންނަހެންނެވެ. މިއަދުވެސް ބަރްޝާގޮސް ހުއްޓުނީ އެންމެ ބޮޑު ކިނބިގަސް ދޮށުގައެވެ. ބިންމަތީގައި އުޑުފައިން އިށީނދެ އިނދެ ބިންމަތީގައި އެއްޗެހިތަކެއް ލިޔެލިއެވެ. މަދުވަގުތު ކޮޅަކަށް ނަމަވެސް ވަލުތެރެއަށް ބާރު ވައިރޯޅިތަކެއް ޖެހެމުން ދިޔައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހުގައި ބަރްޝާ ތެދުވިއެވެ. އަދި ލައިގެން ހުރި ހެދުން ބާލަން ފެށިއެވެ. ގައިގާވި ހުރިހާ ފޭރާމެއް ބާލާ ގަހުގެ ބުޑުގައި ބެހެއްޓުމަށްފަހުގައި ބަރްޝާ ހިނގައިގަތީއެވެ. އިތުރަށް ވަލުގެ ތެރެއަށް ވަންނަމުންނެވެ.

"މަންމާ. މިއަދު މިއޮތީ އެދުވަސް އައިސްފައި. މަންމަގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށްވާ ދުވަސް ވަރަށް ގާތްވެއްޖެ!" އަޑުން އަޑުނަގާ ހޭންފަށަމުން ބަރްޝާ ވާހަކަ ދެއްކީ ކަނޑޫފާ ކައިރިއަށް ނުކުމެ ހުރެގެންނެވެ.

އިރުކޮޅަކު އެފަދަ ވާހަކަތަކެއް ދައްކަން ހުރުމަށްފަހު ބަރްޝާ ބަލާލީ މެދުއުޑުގައި ރަސްކަން ކުރަމުންދިޔަ ހަނދަށެވެ. ދެން ފެނުނީ ބަރްޝާގެ ސިފައަށް ބަދަލުތަކެއް އަންނަން ފެށިތަނެވެ. އިސްކޮޅުން ދިގުވާންފެށިއެވެ. ބަރްޝާގެ ހުންނަ އިސްކޮޅަށް ވުރެ ދެފޫޓްވަރު ދިގުވެއްޖެއެވެ. ރީތި ބައްޓަމާއި ރޫފަ ގެއްލިއްޖެއެވެ. އެ ރީތި ދިގު އިސްތަށިގަނޑެއް މިހާރު އެ ބޮލަކު ނެތެވެ. ހީވަނީ އިސްތަށި ފައިބާ ފައިބާ ހުސްވެފައި ވާހެންނެވެ. ގައިގެ ހަންގަނޑުއެލި ވަނީ ރޫޖެހިފައެވެ. އެ ކަނު އަނދިރިކަމުގެ ތެރެއިންވެސް ރަތްބޮތްކެއް ފަދައިން ދިއްލިފައިވާ އޭނާގެ ދެލޯ މާދުރަށް ފެންނަން ހުއްޓެވެ. އެ ދިގުވެފައިވާ އިނގިލިތަކުން މާދުރަށް ދިގުވެފައިވާ ނިޔަފަތިތަކުން މީހަކަށް އަނިޔާއެއް ދިނުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ.

ފަސްއެނބުރި ބަރްޝާ ބަލާލީ މީހެއް އުޅޭކަމުގެ ހިލަމެއް ވެގެންނެވެ.

***

ނުނިމޭ

މިލިޔުން ކިޔާލުމުން
432
ގުޅުންހުރި ލިޔުންތައް

2 Responses

  1. Fazil

    Its so nice. ???

  2. ނަޒްމީ

    ހަބޭސް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ