ޗައިނާއާއެކު ވެފައިވާ، ރާއްޖެ - ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓް ކުރިއަށް ނުގެންދާނޭ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، އިންޑިއާގައި ބައެއް މީޑިއާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އިންޑިއާގެ ނިއުދިއްލީގައި އެގައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ޗއިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު، ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ނުގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ، ޗައިނާއިން ދޫކުރާ ލޯނުތަކަކީ އަނބުރާ ދެއްކޭވަރަށްވުރެ ބޮޑެތި ލޯނުތައް ކަމަށާއި، އެއީ ދަރަނީގެ ދަންތުރަތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން ބައެއްފަހަރު ޤައުމުގެ ހަރުމުދާދޭންވެސް މަޖުބޫރުވާކަމަށްވެސް ނަޝީދުވަނީ ވިދާޅުވެފައެވެ.
ރާއްޖެ - ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހި ކޮށްފައިވާއިރު، ލޯނުގެ ގޮތުގައި ޗައިނާގެ އެކި ކުންފުނިތަކުން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.



