އިރުކޮޅަކު އެފަދަ ވާހަކަތަކެއް ދައްކަން ހުރުމަށްފަހު ބަރްޝާ ބަލާލީ މެދުއުޑުގައި ރަސްކަން ކުރަމުންދިޔަ ހަނދަށެވެ. ދެން ފެނުނީ ބަރްޝާގެ ސިފައަށް ބަދަލުތަކެއް އަންނަން ފެށިތަނެވެ. އިސްކޮޅުން ދިގުވާންފެށިއެވެ. ބަރްޝާގެ ހުންނަ އިސްކޮޅަށް ވުރެ ދެފޫޓްވަރު ދިގުވެއްޖެއެވެ. ރީތި ބައްޓަމާއި ރޫފަ ގެއްލިއްޖެއެވެ. އެ ރީތި ދިގު އިސްތަށިގަނޑެއް މިހާރު އެ ބޮލަކު ނެތެވެ. ހީވަނީ އިސްތަށި ފައިބާ ފައިބާ ހުސްވެފައި ވާހެންނެވެ. ގައިގެ ހަންގަނޑުއެލި ވަނީ ރޫޖެހިފައެވެ. އެ ކަނު އަނދިރިކަމުގެ ތެރެއިންވެސް ރަތްބޮތްކެއް ފަދައިން ދިއްލިފައިވާ އޭނާގެ ދެލޯ މާދުރަށް ފެންނަން ހުއްޓެވެ. އެ ދިގުވެފައިވާ އިނގިލިތަކުން މާދުރަށް ދިގުވެފައިވާ ނިޔަފަތިތަކުން މީހަކަށް އަނިޔާއެއް ދިނުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ.
ފަސްއެނބުރި ބަރްޝާ ބަލާލީ މީހެއް އުޅޭކަމުގެ ހިލަމެއް ވެގެންނެވެ.
ހާސްކަމެއް ނެތި ބަރްޝާ ހުރިގޮތަށް ހުރީއެވެ. ޖެހިލުންވެ ބިރުންގަންނަންވީ ބަރްޝާ ނޫންކަން ބަރްޝާއަށް އެނގެއެވެ. ދުރުނޫން ހިސާބެއްގައި ފިލާހުރި ހާމިދުގެ ހިތަށް ބިރުވެރިކަން ވެރިވެ ހަދާނެގޮތް ހުސްވެފައި ހުއްޓެވެ. ބަރްޝާގެ އަސްލު ސިފަ ފެނި ހާމިދުހުރީ ކަންތައްކުރަންވީ ގޮތެއް ނޭނގިފައެވެ. ދުލުން ހެޔޮ އެއްޗެއް ކިޔަންވެސް ހަނދާންނެތިފައި ތަނަށް ގަބުއަރާ ހުރެވުނީއެވެ.
ނާއިލްއަށް ދިމާވެގެން އުޅޭ ހުރިހާ ކަމެއްގެ އަސްލަކީ އެއީކަން އެނގިހުރެމެ ބަރްޝާއާއި ކުރިމަތިލާނެ ހިތްވަރެއް ހާމިދުއަށް ލިބިގެނެއް ނުވިއެވެ. ސަލާމަތްވާން ކަންތައްކުރާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް މީހަކު ހާމިދުގެ ކޮނޑުގައި ހިފާލިއެވެ. ހާމިދުއަށް ސިއްސައިގެން ގޮސް ބަލާލެވުނީ ބަރްޝާ ހުރިތޯއެވެ. ނަމަވެސް ކުރިން ހުރި ތަނުގައި ބަރްޝާނެތުމުން ހާމިދުއަށް ވާންއުޅޭ ހުރިހާ ކަމެއް އިހުސާސްކުރެވުނު ކަހަލައެވެ.
ބިރުން ވިރިވިރި ހުރި ހާލުގައި ފަހަތަށް އެނބުރި ބަލާލުމާއި އެކުގައި އަޑުން އަޑުނަގާ ހަޅޭއްލަވައިގަނެވުނެވެ. ދުރުގައި ބަރްޝާ ހުރި ވަގުތުގައި ފެނުނު ނަމަވެސް އެހާ ކައިރިން ފެނުމުން އޭނާގެ ސިފަ އިންތިހާއަށް ބިރުވެރިހެން ހީވިއެވެ.
"އަހަންނަށް ގޮތެއް ނަހަދާ އަހަރެން ދޫކޮށްލާ. އެއްވެސް މީހެއްގެ ގާތުގައި އަހަރެން މިވާހަކައެއް ނުބުނާނަން" ހާމިދު އަޑުގެ ކޮޅަށް ރޮއި ހޭރެމުން ދެކަކޫ މައްޗަށް ތިރިވެ އާދޭސްކުރަން ފެށިއެވެ. ދުވަމުން ދިޔަ ވަހުން ނޯށް ދަމާލަން ނުކެރުނު ނަމަވެސް އެވަގުތު ވިސްނުން ހުރީ ސަލާމަތަށް އެދި އާދޭސް ކޮށްގެން ނަމަވެސް އެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވާށެވެ.
"އަހަންނަށް ފާރަލުމަށްފަހުގައި ތިބުނަނީ އެއްވެސް ގޮތެއް ނަހަދާ ދޫކޮށްލާށޭތަ؟ އަހަރެންމިއީ ކަލޭމެން އިންސާނުންކަހަލަ މޮޔައެއް ކަމަށް ހީވަނީތަ؟" ބިޔަ އަޑަކުން އޭތި ވާހަކަދެއްކިއެވެ.
"އަހަންނަށް މައާފްކުރޭ. އަހަރެން ވައުދުވަން. ދުވަހަކުވެސް މީހަކު ގާތުގައި މި ވާހަކަތަކެއް ނުބުނާނަން." ހާމިދު އިސްއުފުލާލަންވެސް ނުކެރިފައި އިންގޮތަށް އިނދެ ގިސްލަމުން ވާހަކަ ދައްކަމުން ދިޔައެވެ.
"ކަލޭ ހީކުރަނީ އަހަރެން ހެއްދޭނެ ކަމަށް؟ އިންސާނުންނަށް ވައުދާ ހުވާ އުވާލުމަކީ އެއްވެސް ކަމެއް ނޫން. އެއީ އެމީހުންނަށް ވަރަށް ފަސޭހަކަމެއް. ކުރެވިފައިވާ ވައުދާ ހުވާ އުވާލުން އުނދަގޫވަނީ އަހަރުމެންގެ ނަސްލުގެ މީހުންނަށް. ކަލޭމެންނަކީ އެއްވެސް އިތުބާރެއް ހިފޭނެ ބައެއް ނޫން. މިއަދު އަހަރެން ކައިރިން ސަލާމަތްވާން ތިހެން ބުނާނީ. މާދަމާ އަހަރެންގެ ދުވަސް ދުއްވާލަން މަސައްކަތް ފަށާނީ" އޭތި ހުރީ އެއްވެސް ވަރަކަށް ހާމިދު ދޫކޮށްލާފަދަ ވިސްނުމެއްގައެއް ނޫނެވެ.
"ނޫން ނޫން. އަހަންނެއް އެފަދަ ކަމެއް ނުކުރާނަން. ދުވަހަކުވެސް ނުކުރާނަން." ހާމިދު ހުއްޓުމެއް ނެތި އެކައްޗެއް ކިޔަމުންދިޔައެވެ. ކުރަމުންދިޔައީ އެއް އާދޭހެކެވެ. މަރާނުލާ އޭނާ ދޫކޮށްލުމަށެވެ.
"މިއަދު މި ހުރިހާ ހާލެއްގައި އަހަރެން ވާން މިޖެހުނީ ހަމަ ކަލޭމެން އިންސާނުންގެ ސަބަބުން. އެހެންވީމަ ކަލޭމެންނަށް ކަމެއް ދިމާވީމަ އަހަރުމެންގެ ބޮލަށް ކަންތައްތައް ބިންދާ ހެދުމުގެ ބޭނުމެއް ނެތް." ކަރުތެރެއިން ބިރުވެރި އަޑެއް ލައްވާލަމުން އޭތި ބުނެލިއެވެ. އިސްޖަހައިގެން އިން ހާމިދު އިސްއުފުލާ ބަލާލީ އެވަގުތުއެވެ. އޭތީގެ ތޫނު ނިޔަފަތިތަށް ހާމިދުގެ ލޮލަށް އަމާޒުވީ އެކަމުން ރެކެން ހާމިދުއަށް ސިކުންތެއްވެސް ދިނުމެއް ނެތިއެވެ. ވީ ތަދުން ބީތާވީ ނަމަވެސް ހިތްވަރުކޮށްފައި ދެލޯމަތީ އަތްއަޅާ ރޮމުން ހޭރެމުން އެއްވެސް ތަނެއް ނުފެންނަ ހާލުގައި އެތަނުން ސަލާމަތްވެވޭތޯ އުޅުނެވެ.
ބިރުވެރިކަމާއި ނާމާންކަމުން ސަލާމަތްވުމަށް ހުއްޓާނުލާ މަސައްކަތް ކުރަމުންދިޔަ ހާމިދަށް ބަލަ ބަރްޝާ ހުއްޓެވެ. ނަމަވެސް އެހެން މާގިނައިރު ހުރުމެއްނެތި ގޮސް އަތްތިލަ އެކުގައި ވައްދާލީ ހާމިދުގެ މެއަށެވެ. ހާމިދުގެ ވޭނީ ހަޅޭކުގެ އަޑުން މުޅި ވަލުތެރެ ގުގުމާލިއެވެ. ނަމަވެސް އެ އަޑު އިވޭނެ އެއްވެސް އިންސާނަކު އެވަގުތު އެތާކު ނެތެވެ. މަހެއް މަރަށް ތެޅޭހެން އިރުކޮޅަކު ތެޅިލުމަށްފަހުގައި ހާމިދުގެ ހަރަކާތް ހުއްޓުނެވެ. މިދުނިޔެއާއި އަލްވަދާއު ކިޔަން ޖެހުނީ ވޭންހުރި ގޮތަކަށެވެ.
ހާމިދަށް ބަލާލުމަށްފަހުގައި ލިބުނު ކާމިޔާބީގެ ހިނިތުންވުން މޫނު މައްޗަށް ވެރިކުރުވައިގެން ހުރެ ބަރްޝާ ހިނގައިގަތެވެ. ބާލާފައި ބެހެއްޓި އަންނައުނުތަށް ނަގާ ލައިގެން ހިނގައިގަތް އިރުގައި އޭތި ހުރީ އަނބުރާ އިންސާނެއްގެ ސިފައިގައެވެ. ބަރްޝާގެ ސިފައިގައެވެ. ފަރި ހިނގުމެއްގައި ހިނގާފައި ބަރްޝާ ދިޔައީ ގެއަށެވެ.
***
ދިގު ރެއެއްގެ ކަނު އަނދިރިކަމަށް ނިމުމެއް ގެނެސް އިރުގެ ރަން ދޯދިތަކުން ދުނިޔެ މައްޗަށް އަލިކުރަން ފެށިއެވެ. ފަތިހުގެ ތާޒާ ވައިރޯޅިތަކުގައި އެކުލެވިގެންވީ، ރަށުގައި ގިނަ އަދަދަކަށް ހައްދާފައިވާ މާގަސްތަކުގެ ވަހެވެ. ދިރިތިބި މީހުންނަށް، މި ވަގުތީ ދުނިޔޭގެ އުފަލާއި ހިތްހަމަ ޖެހުމުގައި، އާހިރުގެ ބާއްޖަވެރިކަމަށް މަސައްކަތްކުރުމަށް ލިބިގެން ދިޔައީ އައު ދުވަހެކެވެ. އައު އުއްމީދެކެވެ. ދިރިއުޅުމުގައި ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ. ލޯބިވާ އާއިލާއާއި އެއްކޮށް ހޭދަކޮށްލަން އިތުރު ވަގުތުކޮޅެކެވެ.
ނުތަނަވަސްކަމާއި ހިތްދަތިކަން ވެރިވެފައިވީ ސޯބިރާ އަވައްޓެރި ހުރިހާ ގެއަކަށް ވަދެ އަހަމުންދިޔައީ އެންމެ ސުވާލެކެވެ.
"އަހަރެންގެ ހާމިދު ދެކުނިންތަ؟" މި ސުވާލެވެ. ހާމިދު ދެކުނު އެއްވެސް މީހަކު ނެތުމުން މާޔޫސްކަން ހިތަށްވެރިވަމުން ދިޔައެވެ. ސަބަބަކީ ހާމިދަކީ ދުވަހަކުވެސް ސޯބިރާ ގާތުގައި ނުބުނެ ތަނަކަށް ދާ މީހަކަށް ނުވާތީއެވެ.
ހާމިދު ހޯދުމުގެ މަސައްކަތް ރަށުގެ ކުދި ބޮޑު އެންމެން ވެގެން ކުރަންފެށީ މެންދުރު ނަމާދުން ނިމިގެންނެވެ. ހާމިދު ގޮސްދާނެހެން ހީވާ ހުރިހާ ތަނެއް ބަލާހެދުނެވެ. ދަންނަ ރަށްރަށުގެ ރަހުމަތްތެރިންނަށް ގުޅާ އަހާހެދިއެވެ. ހާމިދު ހޯދުމުގައި ހަރަކާތްތެރިވި ގްރޫޕުގައި ނާއިލްވެސް އުޅުނެވެ. ނާއިލްވެސް ހުރީ ހާމިދުވީތަނެއް ނޭނގުމުން ހާސްވާގޮތްވެފައެވެ. ހާމިދަކީ މުޅި އެރަށުންވެސް ނާއިލްއަށް އެންމެ އޯގާތެރި އެންމެ އަޅާލާ އެކަކެވެ.
ހާމިދު ފެނުނީ އިރުއޮއްސެން ގާތްވެފައި ވަނިކޮށެވެ. ހާމިދު ފެނުމުން އެންމެންގެ މޫނުމަތިންވެސް ފެނިގެންދިޔައީ ބިރުވެރިކަމެވެ. އެފަދަ ރަހުމު ކުޑަގޮތަކަށް ހާމިދު މަރާލާފައި އޮއްވާ ފެނުމުންނެވެ. ހާމިދު އޮތް ތަނުގައި އޮތީ ހުސްލެއެވެ. މީހާގެ މޭގައިވީ ބޮޑު ލޯވަޅެކެވެ. ހަށިގަނޑުގެ ތެރެ ރީއްޗަށް ފެނެއެވެ. ހާމިދުއާއި ފޫޓެއްވަރު ދުރުގައި އޮތީ ހާމިދުގެ ހިތް ނޫން އެހެން އެއްވެސް އެއްޗެއް ނޫނެވެ. ދެލޮލުގައިވެސް ހުސްލެއެވެ. ކޮނެލާފައި އޮތް ދެލޯ ފެނުމުން ކޮންމެ މީހެއްގެވެސް ހެއަށް ގޮތްވާނެއެވެ.
އެފަދަ ގޮތަކަށް ހާމިދު މަރާލާނެ މީހަކު އެރަށުގައި ނޫޅޭނެކަން އެންމެންނަށްވެސް ގަބޫލު ކުރެވެއެވެ. ނާއިލްއަށްވެސް ހުރެވުނީ އަނގަ ހުޅުވިފައެވެ. ގައިން ހީބިހި ނަގާފައެވެ. ރަށުގެ މަރުކަޒަށް ހާމިދު ގެންދިޔުމަށްފަހުގައި ސޯބިރާއާއި ސަނާއަށް ހޮސްޕިޓަލަށް އައިސްދިނުމަށް އެންގުނެވެ. އެ ދެމައިން ހީކުރީ ހާމިދު ބަލިވެ މަރުކަޒުގައި އޮތީ ކަމަށެވެ. ނުބުނެ މަރުކަޒަށް ދިޔުމުން ހިތްހަމަ ނުޖެހިފައި ހުރެ އެއްޗެހި ކިޔަމުން ސޯބިރާ މަރުކަޒަށް ދިޔައީ އެފަދަ މަންޒަރެއް ފެންނާނެ ކަމަކަށް ނޫނެވެ.
"މަގޭ ހާމިދު" ހާމިދުގެ ފުރާނަ ނެތް މަސްގަނޑު ފެނުމާއި އެކުގައި ސޯބިރާއަށް ހަޅޭއްލަވައިގަނެވުނެވެ. އެވީ ސޯބިރާގެ އެންމެ ފަހުގެ ބަހަށްވެސް ވީއެވެ. ފެނުނު މަންޒަރުގެ ސަބަބުން ހިތްހުއްޓުނީއެވެ. ޑޮކްޓަރުންގެ އެތަށް މަސައްކަތަކުންވެސް ސޯބިރާ ސަލާމަތްކުރެވޭނެ ގޮތެއް ނުވީއެވެ. ލޯބިވާ ފިރިމީހާ އެފަދަ ގޮތަކަށް މަރާލާފައި އޮއްވާ ދެކުމަށް އެއްވެސް އަނތްބެއް ބޭނުމެއް ނުވާނެއެވެ. ސަނާއަށްވެސް ބައްޕަ ހާމިދު މަރާލާފައި އޮއްވާ ފެނުމުން ކުޅަދާނައެއް ނުވިއެވެ. އަނެއްކޮޅުން ކުރިމަތީގައި މަންމަވެސް ދުނިޔެ ދޫކުރީއެވެ. ވަގުތުން ސަނާގެ ހޭވެރިކަން ކުޑަވިއެވެ. މޮޔަގޮވަން ފެށިއެވެ. މަރުކަޒުގައި ހުރި ތަކެތި އުކާ ސުންނާފަތި ކުރަންފެށިއެވެ. ސަނާ މައިތިރިކުރުމަށް ޑޮކްޓަރުން ތެޅިފޮޅެންފެށިއެވެ.
***
އެނދުމަތީގައި އޮށޯވެގެންއޮތް ޒީނާ ދެފަރާތަކަށް ފުރޮޅިލާ ފުރޮޅިލާ އޮތީ ނާއިލް ގޭގައި ނެތުމުން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހީވަނީ ޒީނާގެ ވެސް ހާލަތު ތަންކޮޅެއް ރަނގަޅު ދުވަހެއް ހެންނެވެ. ކުދިންނަށްވެސް ކާންދިނީ އަމިއްލައަށެވެ. ކުދިން ފެންވަރުވާ ހެދީވެސް އަމިއްލައަށެވެ. އިންތިޒާރު ކުރެވެމުން އައީ ނާއިލްއަށެވެ. ނަމަވެސް ނާއިލްގެއަށް އައީ އެންމެ އުފާވެރި ހަބަރަކައިގެނެއް ނޫނެވެ. ނާއިލް ގެނައި ހަބަރުގެ ސަބަބުން ޒީނާ އިންތިހާއަށް ދެރަވިއެވެ.
"ހުރިހާ ކަމެއްވެސް ވީ އަހަންނާއި ހުރެ. ހާމިދުބެ އުޅުނީ އަހަންނަށް ރަނގަޅުކޮށްދޭން. ހާމިދުބެ ބުނީ އަހަންނަށްވެގެން އުޅޭ ކަންތަށް ކޮންމެވެސް ވަރަކަށް އެނގޭކަމަށް. އަހަރެން ދެއްކި ހުރިހާ ވާހަކައެއް ގަބޫލުކުރީ ހަމައެކަނި ހާމިދުބެ. އަހަންނަށް ޔަގީން ހާމިދުބެ މަރާލީ އޭތިކަން. އާނ.. ދެން އޭތި އަންނާނީ އަހަރެން މަރާލަން." ޒީނާ ބޮލުގައި ދެއަތުން ތަޅަމުން ވާހަކަ ދައްކަން ފެށިއެވެ.
"ޒީ ތިހެން ނުބުނެބަލަ . ޕްލީޒް. އަހަރެންވެސް ޒީ ދައްކާ ވާހަކަ ގަބޫލު ކުރަމޭ. އަހަރެން ޒީއަށް ކަމެއް ވިޔަކަ ނުދޭނަމޭ." ޒީނާ ނާއިލްގެ މޭގެތެރެއަށްލާ ބޮނޑިކޮށްލަމުން ނާއިލް ވާހަކަ ދެއްކިއެވެ. އޭރު ނާއިލްގެ ލޮލުން ފަހަރަކު ކަރުނަ ތިއްކެއް ކޯތާފަތްމައްޗަށް ވެއްޓެމުން ދިޔައެވެ. އެ މަންޒަރު ބަލަން ދެލޯ ކަރުނުން ފުރިގެންވާ ހާލު ތަސްލީމްއިނީއެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އަޑެއް ނުނިކުންނަނީއެވެ. ވަމުންދަނީ ކޮން ކަމެއްކަން އެނގޭ ހާލު ދަރިފުޅު އެކަމުން ސަލާމަތްކުރުމަށް ނުކުޅެދިފައިވާ ހާލުގައެވެ. ތަސްލީމްއަށް ބަލާލެވުނީ ބަރްޝާއަށެވެ. ތަސްލީމަށް ބަރްޝާ ރައްދުކުރީ ވިހަ ހިނިތުންވުމެކެވެ.
ނުނިމޭ
ހިޔާލު
ހަބޭސް