ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުމާއި، ވެފައިވާ އެއްބަސްވުންތަކާ ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަށްޓެރި އިންޑިއާގެ މީޑިއާގައި ދެއްކެވި ވާހަކަތަކަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ރައްދުދެއްވައިފިއެވެ.
އަވަށްޓެރި އަދި އަދުގެ ސަރުކާރުގެ އެންމެ ގާތް، އެކުވެރި އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވެރިރަށް ނިއުދިއްލީގައި އެގައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ޗައިނާއަށް ފާޑުވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޗައިނާއާއެކު ވެފައިވާ، ރާއްޖެ–ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓް ކުރިއަށް ނުގެންދަވާނޭ ކަމަށާއި، ޗައިނާއިން ދޫކުރާ ލޯނުތަކަކީ އަނބުރާ ދެއްކޭވަރަށްވުރެ ބޮޑެތި ލޯނުތައް ކަމަށާއި، އެއީ ދަރަނީގެ ދަންތުރަތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން ބައެއްފަހަރު ޤައުމުގެ ހަރުމުދާ ދޭންވެސް މަޖުބޫރުވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ މި ސިޔާސީ ވާހަކަތަކަށް ރައްދުދެއްވައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޒާންގް ލިޒްހޯންގް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ވެރިޔަކު އަނެއްކާވެސް ޗައިނާއާ ގުޅުވައިގެން ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކައިފި ކަމަށާއި، ރާއްޖޭގެ ބިމެއް ޗައިނާއިން އަތުލާފައި ނުވާނެ ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގައި އިންވެސްޓު ކުރީ އެހެން ގައުމަކުންވެސް އިންވެސްޓްކުރާނެ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Part 1. Again, sensational but baseless remarks on China by some Maldivian politician! Does China grab Maldivian land? Absurd! China’s investment in Maldives is no different from any other country.@MohamedNasheed @ibusolih @abdulla_shahid
— Amb. Zhang Lizhong (@AmbassadorZhang) December 13, 2019
ރާއްޖެއާއި ޗައިނާއާއި ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުން ކުރިއަށް ނުގެންދަވާނެކަމަށް ވިދާޅުވެ، ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ޗައިނާ ސަފީރު ވިދާޅުވީ، އެ އެއްބަސްވުން ވުޖޫދަށް ގެނައުމަށްޓަކައި އެތައް އަހަރުތަކެއް ވަންދެން މަޝްވަރާ ކުރެވުނު ކަމަށާއި، ސޮއި ކުރެވިފައި އޮތް އެ އެއްބަސްވުމާ ގުޅިގެން ސަރުކާރުން ގޮތެެއް ނިންމަވާނީ، ވަރަށް ވިސްނުންތެރިކަމާއެކު އެންމެ ރަނގަޅަށް ކަމަށް އިތުބާރު ކުރައްވާ ކަމަށެވެ.
Part 4. On China-Maldives FTA, I trust Maldivian Government will make wise choice on an agreement already signed by the two governments after years of negotiations and consultations on equal footing.@MohamedNasheed @ibusolih @abdulla_shahid
— Amb. Zhang Lizhong (@AmbassadorZhang) December 13, 2019
ރާއްޖޭގެ ފަތުރުވެރިކަމުގައި އިންވެސްޓްކޮށްފައިވަނީ ޗައިނާގެ މަދު އަމިއްލަ ކުންފުނިތަކަކުން ކަމަށާއި، ދަރަނީގެ ވާހަކަ ދައްކާއިރު، ވެފައިވާ އެއްބަސްވުންތަކަށް އިޙްތިރާމްކޮށް، ޤައުމުގެ އިސްތިޤްލާލު ދެމެހެއްޓުން މުހިންމު ކަމަށް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައިވެއެވެ.
Part 3. Reconstruct debt to China? My answer is: please honor the agreements. It is good to uphold the credibility of a sovereign country.@MohamedNasheed @ibusolih @abdulla_shahid
— Amb. Zhang Lizhong (@AmbassadorZhang) December 13, 2019
"ދަރަނީގެ ދަންތުރައެކޭ؟ ތިއީ ހިޔާލީ ވާހަކައެއް. ޗައިނާ އަކީ ކަންކަމުގައި އެހީތެރިވެދޭ ގައުމެއް. ދަލުގައިޖައްސަން އުޅޭ ގައުމެއް ނޫން. ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް އެކުވެރިޔާ، އަދި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު،" ނަޝީދުއަށް ރައްދުދެއްވައި ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
Part 5. Debt trap? It is a fiction. China is a contributor, not a trap maker. China is a development partner and biggest tourist source market for Maldives.@MohamedNasheed @ibusolih @abdulla_shahid
— Amb. Zhang Lizhong (@AmbassadorZhang) December 13, 2019
ކުރީގެ ސަރުކާރުން ޗައިނާއެކު ގާތް ގުޅުމެއް ބާއްވާފައި ވީ ނަމަވެސް، ރައީސް ޞޯލިޙްގެ މި ސަރުކާރުން އެކި ފަހަރުމަތިން، ވަކިން ޚާއްޞަކޮށް ރައީސް ނަޝީދު ދަނީ ޗައިނާއަށް ފާޑުކިޔަމުންނެވެ.




