ލަލީގާ - ރެއަލްސޮސީޑޭޑްއިން ބާސެލޯނާ ހިފެހެއްޓިއިރު، ވީއޭއާރު ނުބެލުމުގެ ޝަކުވާ

ސްޕެނިޝް ލަލީގާގައި ރޭ ރެއަލްސޮސީޑޭޑްއިން ބާސެލޯނާ ހިފެހެއްޓިއިރު، މެޗުގެ ފަހުކޮޅު ހިނގާދިޔަ ހާދިސާ ވީއޭއާރުގެ އެހީގައި ނުބެލުމުން ބާސެލޯނާ ކުޅުންތެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރެއަލްސޮސީޑޭޑްގައި ކުޅެވުނު މިމެޗު ނިމިގެންގޮސްފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ސޮސީޑޭޑުން ކާމިޔާބުކުރިއިރު، 12 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އޭރިއާތެރެއިން ބުސްކެޓް ލޮރެންޓޭގެ ޓީޝާޓުގައި ހިފައި ހުއްޓުވުމުގެ ސަބަބުން ލިބުނު މިޕެނަލްޓާ ޖަހާފައިވަނީ އޮޔާޒްބާލްއެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއިން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު، 38 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރިޒްމަންއެވެ.

އަދި ދެވަނަ ހާފު ފެއްޓުމާއެކު ސުއަރޭޒް ލަނޑެއްޖަހައި ބާސެލޯނާއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް، މިލީޑުގައި ބާސެލޯނާއަށް މީގިނައިރު ހިފަހައްޓާލެވޭގޮތްވަނީ ނުވެފައެވެ. މެޗުގައި ވަރުގަދަ ކުޅުމެއް ދައްކަމުންއައި ސޮސީޑޭޑްއިން މެޗުގ ނަތީޖާ ހަމަހަމަ ކުރީ 62 ވަނަ މިނަޓްގައި އިސާކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ ފަހުކޮޅުގައި އޭރިއާ ތެރެއިން ޕީކޭއަށް ޑިއޭގޯ ލޮރެންޓޭ ކުރި ފައުލާއެކު، ލީޑުނަގަން ފުރުޞަތެއް ލިބުނީކަމަށް ބާސެލޯނާ ކުޅުންތެރިން ހީކުރިއެވެ. ނަމަވެސް ރެފްރީ އެހާދިސާއާއި ގުޅިގެން ޕެނަލްޓީއެއް ދީފައިނުވާއިރު، ވީއޭއާރުވެސް ބަލާފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ބާސެލޯނާގެ ގިނަ ކުޅުންތެރިތަކެއް އަންނަނީ ޝަކުވާ ކުރަމުންނެވެ.

ރޭގެ މެޗުން ބާސެލޯނާ އެއްވަރުމުން ރެއަލްމެޑްރިޑަށް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ. އެކަމަށް ރެއަލްމެޑްރިޑް ބޭނުންވަނީ މިރޭ 01:00 ގައި ވެލެންސިއާއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ