ހދ ގެ ތިން ރަށެއް ރިސޯޓް ހަދަން އަންނަ ހަފްތާގައި ހުޅުވާލަނީ

ތިލަދުންމަތީ ދެކުނުބުރި (ހދ) ގެ ތިން ރަށެއް ރިސޯޓް ހެދުމަށް އަންނަ ހަފްތާގައި ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިކަން ރައީސް ހާމަކުރައްވާފައިވަނީ މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ހދ އަތޮޅުގައި ތިން ރަށެއް ރިސޯޓަކަށް ހަދަން ހުޅުވާލުމަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހުޅުވާލެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ފައްޓަވާފައިވަނީ ހދ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމުންނެވެ. އަދި ފަތުރުވެރިކަމުގެ ނަފާ އެންމެ ކުޑަ އަތޮޅަކީވެސް ހދ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

ހދ. އަތޮޅަކީ ފަތުރުވެރިކަން އެންމެ ފަހުން ތައާރަފްވި އަތޮޅަށްވާއިރު، އެއަތޮޅުގައި ފުރަތަމަ ރިސޯޓެއް ހުޅުވުނީ 2018 ވަނަ އަހަރުގެ މާރޗް 18 ގައެވެ. "ހޮނޑާފުށި އައިލަންޑް ރިސޯޓް"ގެ ނަން ދީފައިވާ އެ ރިސޯޓުގައި ރައީސް ޔާމީނުގެ ވެރިކަމުގައި ހުޅުނުއިރު، އެރިސޯޓްގައި ހުޅުވާފައިވަނީ 160 އެނދުގެ 80 ކޮޓަރި އާއެކުގައެވެ.

މީގެއިތުރުން ހދ. އަތޮޅުގެ ވެރިކަން ކުރާ ރަށްކަމުގައިވާ ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދާނެކަމަށްވެސް މިބައްދަލުވުމުގައި ރައީސްވަނީ ވިދާޅުވެފައެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ