ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުޞަތުގެ ބޭނުން ރެއަލްމެޑްރިޑަށް ނުހިފުނެވެ.
ވާދަވެރި ބާސެލޯނާ މިހަފްތާ ކުޅުނު މެޗުން ރެއަލްސޮސީޑޭޑްއާއި ބައްދަލުކޮށް އެއްވަރުވެ ރެއަލްމެޑްރިޑަށް ފުރުޞަތު ހުޅުވިގެންދިޔައިރު، ތާވަލްގެ އެއްވަނައަށް އަރަން ރޭ ކުޅުނު މެޗުން ރެއަލްމެޑްރިޑަށް ބޭނުންވަނީ މޮޅެކެވެ.
ނަމަވެސް ރެއަލްމެޑްރިޑުން އެފުރުޞަތު ނަގާލިއިރު، ވެލެންސިއާގައި ރޭ ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.
ރެއަލްމެޑްރިޑްގެ ފަރާތުން ވަރުގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެކްލަބުންވަނީ ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ. މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއްޖެހިފައިނުވާއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ވެލެންސިއާއިންނެވެ. މެޗުގެ 78 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ކާލޮސް ސޯލާއެވެ.
މިލީޑާއެކު ވެލެންސިއާ މެޗުން މޮޅުވާނެކަމަށް އުންމީދުކޮށްގެން ހުއްޓާ، ހިތްވަރާއެކު ކުޅެމުން އައި ރެއަލްމެޑްރިޑުން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ 5 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ރެއަލްމެޑްރިޑަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ.
މިނަތީޖާއާއެކު ބާސެލޯނާގެ ފަހަތުގައި ރެއަލްމެޑްރިޑް އޮތީ ފައިދާ ދެއްގޯލްގެ ތަފާތުންނެވެ. ކުރިއަށް އޮތް ލަލީގާ މެޗުގައި މިދެޓީމު ބައްދަލުކުރަމަށް ހަމަޖެހިފައިވާއިރު، އެލްކްލެސިކޯ ނަމުން މަޝްޙޫރުވެފައިވާ އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުގެ ރޭ 12:00 ގައެވެ.