ޗައިނާގެ ސަރުކާރުން، ޝިއާންޖިންގެ އުއިގުރު މުސްލިމުންނާމެދު ކަންތައް ކުރަމުންދާގޮތަށް ފާޑު ކިޔުމުން، ޗައިނާގެ ދައުލަތުގެ މީޑިޔާ އިން ދައްކަން ހަމަޖެހިފައި އޮތް އާސެނަލްގެ މެޗެއް ނުދައްކާ، ބަދަލުގައި އެހެން މެޗެއް ދައްކައިފިއެވެ.
ސީސީޓީވީ ސްޕޯޓްސްގެ އިއްޔެގެ ޕްރޮގްރާމް ގައިޑުގައި، ޕްރިމިޔާ ލީގުގައި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރުމަށް އޮތް މެޗު ދެއްކުމަށް ހަމަޖެހިފައި އޮތެވެ. އެހެންނަމަވެސް، ފަހުން، ލައިވް މެޗު ނުދައްކާ، ސީސީޓީވީ ސްޕޯޓްސް އިން ދައްކާފައިވަނީ ޓޮޓެންހަމް އާއި ވޮލްވަރހެމްޕްޓަން ބައްދަލު ކުރި މެޗުގެ ރިޕީޓް ޓެލެކާސްޓެކެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ މިއީ އޮޒިލް ދެއްކި ވާހަކަތަކާ ގުޅިގެން ޗައިނާ އިން ކުރި ކަމެއްކަމުގައެވެ.
ޓްވިޓަރގައި އޮޒިލް ބުނެފައިވަނީ ޗައިނާގައި ޤުރުއާނުގެ މުސްހަފުތައް އަންދަމުންދާކަމަށާއި، މިސްކިތްތައްވެސް އަންދަމުންދާކަމުގައެވެ. އަދި ދީނީ އިލްމުވެރިންވެސް މަރަމުންދާކަމަށާއި ޑިޓެންޝަން ކޭމްޕުތަކުގައި އަޚުން ހައްޔަރު ކުރަމުންދާކަމުގައެވެ. އޮޒިލް އިތުރަށް ބުނެފައިވަނީ މިކަމާމެދު އެހެން ޤައުމުތަކުގެ މުސްލިމުން ތިބީ ހިމޭނުންކަމަށާއި، އުއިގުރު މުސްލިމުންގެ އަޑު ނީވޭކަމުގައެވެ.
އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ބުނާގޮތުގައި އުއިގުރުގެ އެތައް މުސްލިމުންނެއްވަނީ، އިންސާނީ ކަރާމާތަށް އުނިކަން ލިބޭގޮތަށް ކޭމްޕުތަކުގައި ބަންދުކޮށްފައެވެ. އަދި ޗައިނާ އިން އެކަން ކުރަމުންދަނީ ނިރުބަވެރިކަން ނައްތާލުމުގެ ނަމުގައިވެސް އދ. އިން ބުނެފައިވެއެވެ.
"ހިއުމަން ރައިޓްސް ވޮޗް" އިން ބުނާގޮތުގައި އުއިގުރު މުސްލިމުންނާ ގުޅިގެން ޗައިނާ އިން ދަނީ ކެނޑިނޭޅި، އިންސާނީ ޙައްޤުތަކާ ޚިލާފުވަމުންނެވެ.
އޮޒިލްގެ ވާހަކަތަކާ ދެކޮޅަށް ޗައިނާގެ ބައެއް ރައްޔިތުން ވާހަކަ ދައްކާއިރު، އާސެނަލް އިން ބުނެފައިވަނީ އެކްލަބުން ސިޔާސީ ވާހަކަ ނުދައްކާ ކަމުގައެވެ. އަދި، އޮޒިލް ދައްކާފައިވަނީ ދޮގު ވާހަކަތަކެއްކަމަށް ޗައިނާގެ ނޫސްތަކުން ބުނެފައިވެއެވެ.