ސަލްމާނު ޚާނުގެ ގެ ގޮއްވާލާނެކަމުގެ އިންޒާރު ދިން ކުއްޖާ ދޫކޮށްލައިފި

އިންޑިޔާގެ މުމްބާއީގައި ހުންނަ ސަލްމާން ޚާންގެ ގެ، ގޮއްވާލާނެކަމުގެ އިންޒާރު ދިން ކުއްޖާގެ މައުލޫމާތު ނެގުމަށްފަހު ދޫކޮށްލައިފިއެވެ. ސަލްމާނުގެ ގެ ގޮއްވާލާނެކަމުގެ އިންޒާރު ދީފައިވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އުއްތަރަ ޕްރަދޭޝްގައި ދިރިއުޅެމުންދާ މި ކުއްޖާ، ސަލްމާނުގެ ގެ ގޮއްވާލާނެކަމުގެ އިންޒާރު ފޮނުވާފައިވަނީ މުމްބާއީ ފުލުހުންނަށެވެ. އީ-މެއިލް މެދުވެރިކޮށް ފޮނުވި އިންޒާރުގެ ނޯޓުގައި ބުނެފައިވަނީ ދެ ގަޑިއިރުގެ ތެރޭގައި ސަލްމާނުގެ ގެލެކްސީ އެޕާޓްމަންޓް ގޮއްވާލާނެކަމުގައެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ފުލުހުންނަށް މި އިންޒާރު ފޮނުވުމުން، ވަގުތުން ވަނީ ޓީމުތައް ސަލްމާނުގެ ގެއަށް ފޮނުވާފައެވެ. ބޮމްބް ޑިޓެކްޝަން އެންޑް ޑިސްޕޯސަލް ޓީމްތަކާއި، ފުލުހުންގެ ވަރަށް އިސް އޮފިސަރުންވެސް ސަލްމާނުގެ ގެއަށް ގޮސްފައިވެއެވެ.

އިންޒާރު ދީގެން، ފުލުހުން ގެއަށް ދިޔައިރު، ގޭގައި ސަލްމާން ނޫޅެއެވެ. އެހެންނަމަވެސް، އެތަނުގައި ސަލްމާނުގެ މަންމައާއި، ދައްތަ އަދި ކޮއްކޮއާއި އެހެން ބައެއް އާއިލާ މީހުން އުޅެމުންދިޔަކަމަށާއި، އެމީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލު ކުރިކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް، ބެލި ބެލުމުން ބޮމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށާއި އަދި އެއީ ފޭކު އިންޒާރެއްކަން ވަނީ ހާމަވެފައެވެ.

ފޭކު އިންޒާރެއްކަން ހާމަވުމުން، އެކުއްޖާ ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ވަނީ ކޮށްފައެވެ. އަދި އެކުއްޖާވަނީ ޖުވަނައިލް ކޯޓަކަށް ހާޟިރުކޮށްފައެވެ. ކޯޓުން ހުކުމް ކޮށްފައިވަނީ ކުއްޖާގެ މައުލޫމާތު ނެގުމަށްފަހު ދޫކޮށްލާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ