ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭސިޓީގެ މޭޔަރު ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވަން ނިންމަވައިފިއެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޙާބަށް އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީކޮށް ހުޅުވައެއް ނުލަ އެވެ.
އަލްހާނުވަނީ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމަވާފައިކަމަށް ވިދާޅުވެ ރޭ ކުރެއްވި ޓުވީޓެއްގައި މާލޭ ސިޓީގެ ރައްޔިތުންގެ އިހްލާސްތެރި އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. އަދި "ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން، މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑު ނިޔަތްގަނެފިން!" އަލްހާން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
އަފްޝަން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މުހިންމު އިސްލާހުތައް ތަސްދީގުވެގެން ދިއުމާ ގުޅިގެން، ރާއްޖޭގައި ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމުގެ އުންމީދު އާވެގެން ގޮސްފައިވާ ކަމަށެވެ. އަދި "މި އުންމީދާއެކު، އަޅުގަނޑު މާލެ ސިޓީ މޭޔަރުގެ މަގާމަށް ވާދަކުރުމަށް ވިސްނާ ވާހަކަ ދަންނަވަން،" އަފްޝަން ވިދާޅުވިއެވެ.
ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ޑރ. މުއިއްޒު ކުރިމަތިލައްވާނެ ކަމަށާ އެކަން ރަސްމީކޮށް އިއުލާނު ކުރައްވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މާލެއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށާއި އެ ބަދަލު ގެނެވެން އޮތީ "މާލެ މުއިއްޒު" ކޮށްގެން ކަމަށެވެ.
މާލެސިޓީގެ މިހާރުގެ މޭޔަރަކީ ކުރީގެ ޕްރިންސިޕަލް އަދި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވެވި ޝިފާ މުހައްމަދެވެ.