ބޮލީވުޑްގެ ބަތަލާ "ސޯނާކްޝީ ސިންހާ" މިވަގުތު އެންމެ ބިޒީކޮށް އިންޑަސްޓްރީގައި ކުރަމުންދާ މަސައްކަތަކީ، އޭނަގެ ކުރިއަށް އޮތް ފިލްމް "ދަބަންގް" ފްރެންޗައިސްގެ 3 ވަނަ ފިލްމް ޕްރޮމޯޓްކުރުމުގެ މަސައްކަތެކެވެ. ދަބަންގް ފްރެންޗައިސް ގެ ކުރީގެ ދެ ފިލްމްއިންވެސް ސޯނާކްޝީ ސިންހް އާއެކު ސަލްމާން ޙާން ބަތަލުގެ ރޯލުން ފެނިގެން ގޮސްފައިވާއިރު، މިފަހަރުގެ ފިލްމްގައިވެސް ލީޑު ރޯލުން ފެނިގެންދާނީ މި ދެ ތަރިންނެވެ.
ސޯނާކްޝީ ސިންހާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަކީ އަބަދުވެސް މީޑިއާތަކަށް އޭނާ ވަރަށް ސިއްރުކޮށްގެން އުޅޭ ވާހަކަތަކެކެވެ. އެގޮތުން މިއަހަރު ރިލީޒްކުރި ސަލްމާން ޙާން ޕްރޮޑިއުސްކުރި ފިލްމް "ނޯޓްބުކް" އިން ބޮލީވުޑްއަށް އަލަށް ތަޢާރަފްވި އެކްޓަރު "ޒަހީރު އިޤްބާލް" އާއި ސޯނާކްޝީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް ދާދިފަހަކުން ފެތުރުނު ކަމުގައިވިޔަސް، ސޯނާކްޝީ އަދިވެސް ސިންގަލް ކަމަށް އޭނާ މިވަނީ ބުނެފައެވެ.
މުމްބާއިގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، ކައިވެނި ކުރުމަށް އާއިލާއިން ބާރު އަޅާތޯ ކުރި ސުވާލަށް ޖަވާބު ދެމުން، ސޯނާކްޝީ ބުނީ، ފުރަތަމަ އިންނާނެ ފިރިހެންކުއްޖަކު ހޯދަންވީކަމަށެވެ. އަދި ބައެއްފަހަރު ކައިވެނި ކުރުމުގެ ވާހަކަ އާއިލާ ތެރޭގައި ދެކެވޭ ކަމަށާއި، ނަމަވެސް އޭނަގެ މައިންބަފައިން އެކަމަށް ބާރުނާޅާކަމަށެވެ. އަދި ކައިވެނީގެ ހުރިހާ ކަމެއް އޭނަ އަމިއްލައަށް ނިއްމުމަށް އޭނަގެ އައްމައްޗަށް ދޫކޮށްލާފައިވާކަމަށްވެސް ސޯނާކްޝީ ވަނީ ބުނެފައެވެ.
މީގެ ކުރިން ސޯނާކްޝީ ލޯބީގެ ގޮތުން އެކި މީހުންނާއި ގުޅިގެން އުޅޭކަމުގައި އަޑުތައް ފެތުރުނުކަމުގައިވިޔަސް މިހާތަނަށް މިއިން އެއްވެސް ވާހަކައެއްގެ ހަގީގަތެއް އެނގިފައެއް ނުވެއެވެ. އެގޮތުން ސޯނާކްޝީ ސިންހާއާއި އެކްޓަރު އަރްޖުން ކަޕޫރުއާއި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތަކެއްވެސް މީގެކުރިން ވަނީ ފެތުރިފައެވެ.
ސޯނާކްޝީ އެންމެ ފުރަތަމަ ބޮލީވުޑްއަށް ތައާރަފްވެފައިވަނީ، ދަބަންގް ގެ ފުރަތަމަ ބައިންނެވެ. އަދި ސޯނާކްޝީ އެންމެ ފަހުން ފެނިގެންގޮސްފައިވާ ފިލްމަކީ، "ކަލަންކް" އެވެ. ނަމަވެސް މި ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.