ޕީއެސްޖީ ދޫކޮށްލަންވީ ކީއްވެ؟: ނޭމާ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ އެކްލަބު ދޫކޮށްލަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ބުނެފިއެވެ.

ފްރާންސްގެ ފުޓްބޯޅަ މެގަޒިންއަކަށް ދިން އިންޓަރވިއުއެއްގައި ނޭމާ ބުނީ، އޭނާއަކީ މިހާރު ޕީއެސްޖީ ކުޅުންތެރިއެއްކަމަށާއި، މެޗުގައި އަބަދުވެސް 100 ޕަސެންޓް ދެމުންދާނެކަމަށެވެ. އަދި އެއްވެސް މީހަކަށް ދެރަގޮތެއް ވާން ނޭދެމޭކަމަށް ނޭމާ ބުނެފައިވާއިރު، ކްލަބުގައި އުފާވެރިކަން ނުލިބޭނަމަ ރަނގަޅުގޮތަކީ އެހެން ކްލަބަކާއި ގުޅުންކަމަށް ޤަބޫލުކުރާކަމަށްވެސް ނޭމާ ބުނެފައިވެއެވެ.

"އަހަރެން ޕީއެސްޖީ ދޫކޮށްލަންވީ ކީއްވެ؟" ނޭމާ ބުންޏެވެ.

ނޭމާ ބުނީ އޭނާގެ އެއްބަސްވުމުގައި ބާކީ ދެއަހަރު އަދި އެބައޮތްކަމަށާއި، ބޭނުންވަނީ ޕީއެސްޖީއާއެކު ވީހާވެސް ގިނަ ތައްޓެއް ކާމިޔާބުކުރުންކަމަށެވެ. އަދި މިއަހަރުގެ ޓާގެޓަކީ ޗެމްޕިއަންސް ލީގުކަމަށްވެސް ނޭމާ ބުންޏެވެ.

ނޭމާ އެނބުރި ބާސެލޯނާއަށް ދާން ބޭނުންވާކަމަށް ކުރިން ބުނެފައިވާއިރު، މިދިޔަ ހޫނު މޫސުމުގެ ޓްރާންންސްފާގައި ނޭމާގެ ކުރީގެ ކްލަބު ބާސެލޯނާއިން އޭނާ ހޯދަށް ކުރި ހުރިހާ މަސައްކަތެއްވަނީ ބޭކާރުވެފައެވެ.

މީގެއިތުރުން ނޭމާ ބުނީ، އޭނާ ބާސެލޯނާ ދޫކޮށްލުމުގެ ސަބަބަކީ މެސީ ނޫންކަމަށާއި، ނަމަވެސް ޕީއެސްޖީއާއި ގުޅުނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ބޭނުމުގައިކަމަށެވެ.

އަދި ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ބޭނުންވާކަމަށް ނޭމާ ބުނެފައިވާއިރު، ބެލޮންޑިއޯއަކީވެސް އޭނާ ބޭނުންވާ އެވޯޑެއްކަމަށް ބުނެފައިވެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ޕީއެސްޖީ ނުކުންނަންޖެހޭނީ ޖަރުމަނީގެ ބޮރޯސިއާ ޑޯޓުމުންޑާއި ދެކޮޅަށެވެ. ޗެމްޕިއަންސް ލީގު ގަދަ 16 ގައި މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ