އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހެލްތް މިނިސްޓަރުންގެ 8 ވަނަ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުއެވެ. ހެލްތް މިނިސްޓްރީން ވަނީ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
ހެލްތް މިނިސްޓްރީން ވިދާލުވެފައިވަނީ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީގައި މިމަހުގެ 15 އިން 17 އަށް ކުރިއަށްދިޔަ އޯ.އައި.ސީ.ގެ 7 ވަނަ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައިކަމަށެވެ.
Minister of Health @ameenex is pleased to announce that the 7th OIC Health ministers conference has decided to conduct the next OIC Health Ministers conference in the Maldives in 2021.
— Ministry of Health (@MoHmv) December 17, 2019
@OIC_OCI pic.twitter.com/xRBmO8AS8q
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވަނީ ބައިވެރިވެވަޑައިގަންނަވައިފައިވާފައެވެ. އޯއައިސީގެ 7 ވަނަ ހެލްތް މިނސިްޓަރުންގެ ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ އޯއައިސީގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ވަޒަންކޮށް، އޯއައިސީ. ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން (OIC-SHPA 2014-2023) ތަންފީޒް ކުރާ މިންވަރު ބެލުމެވެ. މި މަސައްކަތުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކުއަލިޓީ އޮފް ލައިފް" އެވެ.
އެގޮތުން ހެލްތް މިނިސްޓަރ ވިދާޅުވެފައިވަނީ މި ކޮންފަރެންސް މެދުވެރިކޮށް އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ މި ބައްދަލުވުމުގައި، އެންޓިވެކްސިން ކެމްޕެއިންއާއި ގުޅިގެން މެމްބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެމްބަރު ޤައުމުތަކުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ހައްލުހޯދުމަށް ހުރިހާ ޤައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން ހުށަހަޅުއްވާދެއްވާފައިވެއެވެ.
މި ބައްދަލުވުމުގައި އޯ.އައި.ސީ މެމްބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.