ރާމާމަކުނު ޕޯސްޓަރާއި ގުޅިގެން ސީރީއާގެ ޗީފް އެގްޒެކިއުޓިވް ލުއިގީ ދި ސިއެރްވޯ މަޢާފަށް އެދިއްޖެއެވެ.
ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް އިޓާލިއަން ސީރީއާގައި ރާމާމާކުނު ޕޯސްޓަރެއް ބޭނުން ކުރައް ނިންމާފައިވީނަމަވެސް، މިނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް ސީރީއާއަށްވަނީ އަމާޒުވެފައެވެ.
"މިއީ މިކަމަށް އެކަށީގެންވާ ޕޮސްޓަރެއްނޫންކަން މިހާރު އެނގިއްޖެ." ސިއެރްވޯ ބުންޏެވެ.
ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ކުރަހާފައިވާ މިކުރެހުން މިލާންގައި ހުންނަ ސީރީއާގެ ހެޑްކުއާޓަރގައި ބޭނުންކުރާގޮތަށް ނިންމާފައިވީނަމަވެސް، ރާވާފައިވާ ތާރީޚްގައި މިކުރެހުން ބޭނުންކުރާނެކަމާމެދުވެސް މިވަނީ ސުވާލު އުފެދިފައެވެ.
އިޓަލީގައި ނަސްލީ ތަފާތުކުރުމުގެ މައްސަލަ މިސީޒަންގައި އިންތިހާއަށް ބޮޑުވެފައިވާއިރު، ސީރީއާއިން މިކަމާއި ދެކޮޅަށް ރަސްމީ ސިފައެއްގައި މަސައްކަތްވަނީ ފަށާފައެވެ.
މޫނުގައި ކުލަ ޖައްސާފައި ހުންނަ 3 ރާމާމަކުނު ފެނިގެންދާ މިޑިޒައިން ތައްޔާރުކޮށްފައިވަނީ ސިމިއޯނީ ފުގަޒޯޓޯ ނަމަކަށްކިޔާ އާޓިސްޓެކެވެ. މިދިޔަ މެއިމަހު ލާޒިއޯ އާއި އެޓްލާންޓާއި ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ނަސްލީ ތަފާތުކުރުންތަކަށްފަހު މިކަމަށް ކުރެހުމެއް ހެދުމުގެ ވިސްނުން އޭނާ ގެންގުޅެމުން އަންނައިރު، ރާމާމަކުނު ބޭނުންކުރުމުގެ ޚިޔާލު އައިސްފައިވަނީ އިންޓަރ މިލާންއާއި ނަޕޯލީއާއި ބައްދަލުކުރި މެޗަށްފަހުކަމަށްވެސް ފުގަޒޯޓޯ ބުންޏެވެ.
އެމެޗުގައި ނަޕޯލީގެ ޑިފެންޑަރު ކޮލިބަލީއާއި ދިމާއަށް ސަޕޯޓަރުންގެ ގިނަ ބަޔަކު ރާމާމަކުނުގެ އަޑު ލައްވާ ދިމާކޮށްފައިވެއެވެ.
ފުގަޒޯޓޯގެ މިކުރެހުމަށް އެތަށް ބަޔަކު ފާޑުކިއަމުންދާއިރު އޭނާވަނީ މިކުރެހުމުގެ ދިފާޢުގައި ވާހަކަ ދައްކާފައެވެ.