މަޑުއްވަރީގައި ހިންގަނީ ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން ހިންގާ އޮޕަރޭޝަނެއް - ފުލުހުން

ދިވެހި ސިފައިންނާއި، ފުލުހުން ގުޅިގެން ރ. މަޑުއްވަރީގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން ހިންގާ އޮޕަރޭޝަނެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީގައި މިއަދު ފެށީ ޚާއްޞަ އޮޕަރޭޝަނުގައި އެެރަށުގެ ބައެއް ގެތައް ދަނީ ބަލާ ފާސްކުރަމުންނެވެ.

ފުލުހުން ދާދި ދެންމެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ބައެއްފަރާތްތަކުން ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތާއި ދެކޮޅަށް ރ.މަޑުއްވަރީގައި ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުގެ ބައިވެރިވުމާއިއެކު ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށާފައިވާ ކަމަށެވެ.

"މި އޮޕަރޭޝަނަކީ ރ.މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތަކުން މަޙްރޫމްކޮށް އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާކަމަށާއި މިފަދަ ޢަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމަޢު އާއި ވަކިކޮށް ކުޑަކުދިންނަށް ސިއްޙީގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތަޢުލީމް ޙާސިލްކުރުމުގެ ހައްޤުން މަހްރޫމްކޮށް ކުޑަކުދިން މީހުންނާއި ކައިވެނިކޮށްގެންކަމަށް ބުނެ، މިކަންކަން ހިންގާ ގެ ތަކުގައި ބަންދުކޮށްގެން ގެންގުޅޭކަމަށާއި ދަރިމައިވުމާއި އުފަންވަނިވި ސިއްޙަތާއި ގުޅުންހުރި ސިއްޙީ އިންތިޒާމްތަކާއި ހައްޤުތަކުން އަންހެނުން މަޙްރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަޔާއި ސިއްޙަތަށް ނުރައްކާތެރި ޙާލަތްތަކަށް ހުށަހަޅާފައިވާކަމަށް ލިބެމުންދާ މަޢުލޫމާތާއި ގުޅިގެން މިކަންކަން ހިންގަމުންދާކަމަށް ފާހަގަކުރެވޭ ގެތައް ބަލައިފާސްކޮށް މިކަންކަން ކުރުމުގައި އިސްވެ ހަރަކާތްތަތެރިވާ ފަރާތްތައް ހޯދާ ދެނެގަނެ މިތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ޙާލަތު ބަލައި އެފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ހިންގޭ އޮޕަރޭޝަނެއް." ފުލުހުންގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެރަށުގައި ހަރާތްތަތެރިވާ ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން އެފަރާތްތަކުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާޢީ ކުށްތައް ކުރަމުންދާކަމަށާއި، ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާޢުކޮށް ފަތުރަން މަސައްކަތް ކުރާކަމަށް ލިބެމުންދާ މަޢުލޫމާތުގެ މައްޗަށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިން ގުޅިގެން އަޅަމުންދާނެ ކަމަށެވެ.

މިއޮޕަރޭޝަނަށް ރ.މަޑުއްވަރި އާއި އެ ސަރަޙައްދުގެ އެހެނިހެން ރަށްތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ކިބައިން ފުރިހަމަ އެއްބާރުމާއި އެހީތެރިކަން ލިބެމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ