މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ.އަތޮޅު ދެ ރަށެއްގައި ކުރިއަށް ގެންދިޔަ ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާލުވީ ފުލުހުން ހިންގާފައިވާ އޮޕަރޭސަންތަކުގެ ތެރެއިން ތުލުސްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރ 17 ވަނަ ދުވަހުގެ 17:57 އެހާކަންހާއިރު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަކޮއްފައިވާކަމަށެވެ. އެރަށު ބަނދަރު ސަރަހައްދުން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެއިތުރުން މާފުށި ޕޮލިސް ސްޓޭޝަނާއި މާފުށި ޕްރިޒަން ގުޅިގެން ޑިސެމްބަރ 17 ވަނަ ދުވަހު 16:20 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލު ބަލައިފާސްކޮށްފައިވެއެވެ. ޖަލު ބަލައިފާސްކުރިއިރު 23 އަހަރުގެ ދިވެހި ފިރިހެނެއް އޮތް ޖަލުގޮޅި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ކޮތަޅު ފެނިފައިވެއެވެ.
މާފުށީގައި ޖަލުގައި ހިންގި މި އޮޕަރޭޝަނުގެ އިތުރުން ޑިސެމްބަރު 13 ވަނަ ދުވަހުގެ 10:35 އެހާކަންހާއިރު ކ.މާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުޖަކު ހައްޔަރުކޮށްފައެވެ.
އެރަށު ބަނދަރުމަތިން އެ ކުއްޖާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކޮތަޅާކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމުހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާއިރު 18 އަހަރުން ދަށުގެ ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑާއަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.