ސަރުކާރުގެ ބައްދަލުވުމެއްގައި އަދާލަތު އަދި އެމްޑީޕީގެ ރައީސް - ފޮޓޯ: މިހާރު

ސަރުކާރު ކެންޑިޑޭޓުންގެ ވާހަކަ ދައްކަންޖެހޭބާ!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން މިވަނީ ރަސްމީކޮށް ފެށިފައެވެ. ސިޔާސީ ޕާޓީތަކުން މިވަނީ ކެމްޕޭން ފަށާފައެވެ. އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންވެސް ކެމްޕޭން މިވަނީ ފަށާފައެވެ. ކޮންމެ ކެމްޕޭނަކާ ދިމާކޮށްވެސް ސަރުކާރު ކެންޑިޑޭޓުންތަކެއްގެ ވާހަކަ ދައްކައެވެ. ނަމަވެސް ގިނަ ފަހަރަށް ސަރުކާރު ކެންޑިޑޭޓް އޮންނަނީ ސާފުވާނޭގޮތް ނުވެފައެވެ.

ދުރު ނޫން މުސްޠަޤްބަލަކަށް ބަލާއިރު، 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކެންޑިޑޭޓް ސާފުވާނެގޮތް ވަނީ ނުވެފައެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބު ބޯމަތިވެފައިވާއިރު، އަނެއްކާވެސް "ސަރުކާރު ކެންޑިޑޭޓް" ގެ އަޑު މިދަނީ ގަދަވަމުންނެވެ. ކޮންމެގޮތަކުންވިޔަސް އެކިޔާ ކެންޑިޑޭޓުންނަކީ ކޮންބައެއްކަން ސާފުކުރުން މުހިންމެވެ.

"ސަރުކާރު ކެންޑިޑޭޓް" މި ލަފްޒުގެ މާނައަކީ އެއިރެއްގެ އޮންނަ ސަރުކާރުން އިޚްތިޔާރުކުރާ ކެންޑިޑޭޓް ނުވަތަ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓެވެ. އަދުގެ ސިޔާސީ މަޝްރަހަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ އެމްޑީޕީގެ ބޭފުޅެކެވެ. އެމަނިކުފާނުގެ ނައިބަކީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކީ އަދާލަތުގެ ބޭފުޅެކެވެ. ވަޒީރުންގެ ގޮތުގައި އެމްއާރުއެމް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތުގެ ބޭބޭފުޅުންވެސް އެބަތިއްބެވިއެވެ.

ރައީސް މަޢުމޫންގެ ކެންޑިޑޭޓުން - ފޮޓޯ: ވަގުތު

މަތީފެންވަރުގެ ބޭބޭފުޅުން "ސަރުކާރު ކެންޑިޑޭޓް" ގެ ވާހަކަ ދައްކާފައިވެއެވެ. އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު ޢަލީ ނިޔާޒް ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަނުގެ ކޮންމެ ބައިވެރިއެއްގެ ކެންޑިޑޭޓަކަށްވެސް ސަރުކާރު ކެންޑިޑޭޓޭ ބުނެވިދާނެ ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ، އަދާލަތުގެ ކެންޑިޑޭޓުންނަކީ ސަރުކާރު ކެންޑިޑޭޓުން ކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ތާއީދު ކުރައްވަނީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށެވެ.

ބޭބޭފުޅުން ވިދާޅުވި ބަސްފުޅުތައް އެއްފަރާތް ކޮށްފައި އަމިއްލަ ސިކުނޑިން ވިސްނާލަމާތޯއެވެ! އަދާލަތު، ޖުމްހޫރީ، އެމްޑީޕީ އަދި ރައީސް މަޢުމޫން ތާޢީދުކުރައްވާ ކޮންމެ ކެންޑިޑޭޓަކީ އަދުގެ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. ސަބަބަކީ ސަރުކާރު އެކުލަވާލާފައިވަނީ މިދެންނެވި ލީޑަރުންގެ މެދުގައި ބައި އަޅާ އުޞޫލުންނެވެ. އެހެންކަމުން އެއިން ކޮންމެ ކެންޑިޑޭޓަކީ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓަކަށް ނުވާންވީ ސަބަބެއް ނެތެވެ.

ސިޔާސީ ވާހަކަތަކީ ބުރަދަނެއް ނެތް ވާހަކަތަކެއް ނަމަވެސް، ކޮންމެވެސް ހަޤީގަތްތަކެއް އެކުލެވޭނެކަން ޔަޤީނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ އެހެން ފަރާތްތަކުން ބަޣާވާތްކޮށް ސަރުކާރު ވައްޓާލާނެ ކަމަށެވެ. އަދާލަތު ޕާޓީންނާއި ރައީސް މަޢުމޫން ވިދާޅުވަނީ މަޖިލީހަށް އެބޭފުޅުން ތާއީދުކުރައްވާ ކެންޑިޑޭޓުން ނެރުއްވަނީ ސަރުކާރު ދިފާއުކޮށް އަމާންކަމާއެކު ވެރިކަން ކުރުމަށެވެ.

"އެޖެންޑާ 19" ވިޔަސް، "މާއްދާ ހަތަރެއް" ވިޔަސް، "ސަތިރީސް" ވިޔަސް ކުރަނީ އެއް ކަމެކެވެ. ސަރުކާރުގައި އޮވެ މަޖިލީހަށް ވާދަކުރަނީއެވެ. އެއީ ސަރުކާރުގެ ބައިވެރިންނެވެ. ރައީސް ޞާލިޙް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަކުން އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ރައީސް މަޢުމޫން ސަރުކާރުން ބޭރެއް ނުކުރޭމެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން

ކަންމިހެން އޮތްހިނދު ސަރުކާރު ކޯލިޝަނުގެ ތެރެއިން ވަކި ކެންޑިޑޭޓުންތަކަކީ ސަރުކާރުގެ ކެންޑިޑޭޓަކަށް ހަދާފައި، ވަކި ކެންޑިޑޭޓުންތަކަކީ ސަރުކާރު ކެންޑިޑޭޓުން ނޫންކަމަށް ހަދާނަމަ އެދެވެނީ ވަރަށް ނުކަސިޔާރު މެސެޖެއް އަދި އެހާމެ ނުކަސިޔާރު ހަމަލާއެކެވެ. ސަރުކާރަށް ލޮޅުން އަރާނީ އެތެރޭގެ ކޯޅުންތަކުގެ ތެރޭގައިކަން ތާރީޚުން ހެކިދެއެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހެޔޮ ވެރިކަން ދަމަހައްޓަން ބޭނުންނަމަ، "ސަރުކާރު ކެންޑިޑޭޓް" ކިޔާ ބަޔަކަށް އިނގިލި ދިއްކޮށް އަމިއްލައަށް، އަމިއްލަ މުސްތަޤްބަލް ފުނޑާ ނުލާށެވެ. ސަރުކާރާއިގެން ކުރިއަށް ދެވޭނީ ސަރުކާރެއް ދެމެހެއްޓިގެންނެވެ.

އަދާލަތުގެ ކެންޑިޑޭޓުން

"ސަރުކާރު ކެންޑީޑޭޓުންގެ" ވާހަކަ ދައްކަވާނަމަ، ވަރަށް ޚިކުމަތްތެރިކަމާއެކު ދައްކަވާށެވެ. އިނގިލި ދިއްކޮށްލުމުގެ ކުރިން ތިމާ ސަރުކާރު ކެންޑިޑޭޓޭ ބުނާ ކެންޑިޑޭޓަށް ދެވޭ ގެއްލުމެއްކަން ވިސްނާލާށެވެ. ކެމްޕޭނުގައި މި "ނުކަސިޔާރު" އުކުޅު ބޭނުންކޮށްގެން ވާނެ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެއެވެ. ހުރިހާ ސަރުކާރު ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދެމެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް