ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންތަ؟

އިންސާނުންގެ ހިމޭން ޤާޠިލު، ސިގިރޭޓްބުއިން ހުއްޓާލުމާ ދޭތެރޭ އެބަ ވިސްނަންހެއްޔެވެ؟ ތި ވިސްނަނީ ރަނގަޅަށެވެ. އެއީ ތިބާގެ އަމިއްލަ ހަށިގަނޑު ދުޅަހެޔޮ ސިއްޚަތެއްގައި ކުރިއަރުވައި، ޒުވާން އުމުރުގެ ދުވަސްތަށް ބޭކާރުގޮތުގައި ނަގާނުލުމަށް އެޅޭނެ ރަނގަޅު ފިޔަވަޅަކަށް ވާނެއެވެ. މިއީ ފަސޭހަކަމެއް ނޫނަސް، ތިބާއަށް ކުރެވޭނެ ކަމެއްކަން ޔަގީނެވެ. ބޭނުންވަނީ ކެތްތެރިކަމާއި ހިތްވަރެވެ.

ތިމާ އަމިއްލައަށް ސިނގިރޭޓް ބުއިން ހުއްޓާލަން ނިއްމާ ހިސާބުން ތިހުރީ ސިނގިރޭޓް ބުއިން އެއްކޮށް ހުއްޓާލުމަށް ތައްޔާރަށެވެ. އެހާ ހިސާބުން އެހެން އެއްވެސް އިތުރު ވިސްނުމަކަށް ނުދާށެވެ. ތިރީގައި މިވާ ގޮތަށް ކަންތައް ކުރާށެވެ.

1. ސިގިރޭޓް ބުއިމަށް މަގުފަހިވާ ކަންތައްތައް ދެނެގަތުން

ސިނގިރޭޓް ބުއިން ހުއްޓާލަން ނިންމާ ހިސާބުން އެންމެ ފުރަތަމަ އަމިއްލައަށް ދެނެގަންނަންވީ ތިމާއަށް ސިގިރޭޓް ބުއިމަށް މަގުފަހުވާ ކަންކަމަކީ ކޮބާތޯއެވެ. ކޮފީ ބޮމުން، ކައި ނިމުމަށްފަހު، ފޯނު ބޭނުންކުރަމުން އަދި ފިކުރު ބޮޑުވާ ވަގުތު، މިއީ އާއްމުކޮށް ކޮންމެ މީހަކުވެސް ސިގިރޭޓެއް ބޯން ދިމާވާ ހާލަތްތަކެވެ.

އެހެންކަމުން، ހޭލުމަށްފަހު ހެނދުނުގެ ކޮފީއާއެކު ސިނގިރޭޓް ބޮނީކަމުގައި ވާނަމަ، ވަޒީފާއަށް ދިއުމަށްފަހު މަސައްކަތް ކުރާ މައިދާނުގައި ހެނދުނުގެ ފުރަތަމަ ކޮފީ ބޯން އާދަކުރާށެވެ. އެއީ މަސައްކަތް ކުރާ މައިދާނުގައި ސިނގިރޭޓް ބުއިމަކީ މަނާކަމަކަށް ވާއިރު، މިގޮތަށް ކަންތައް ކުރުމުން ސިނގިރޭޓް ބުއިމާ ދުރުވުމަށް ތިމާއަށް ވަރަށް ބޮޑަށް އެހީވެދޭނެއެވެ. ހަމައެގޮތަށް ކައިނިމުމަށްފަހު، ހިނގާލަން ދިޔުން، ދުއްވާލަން ދިޔުން ނުވަތަ ކޮންމެވެސް އެހެން ކަމެއް ކުރާށެވެ. ފޯނާ ކުޅޭ ވަގުތު، އަނެއް އަތަށް ކުޅޭ އެއްޗެއް ލައިގެން ކުޅޭށެވެ. ނުވަތަ އަތުގައި އަބަދުވެސް އެހެން އެއްޗެއް ބާއްވާށެވެ. އަދި ފިކުރު ބޮޑު ވަނީނަމަ ނަމާދު ކުރާށެވެ.

2. ހުއްޓާލާނެ ތާރީޙެއް ކަނޑައެޅުން

ސިނގިރޭޓް ބުއިން ހުއްޓާލާނެ ތާރީހެއް ނިއްމާއިރު އަވަސް ތާރީހެއް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންނޫނީ ތިމާ ސިނގިރޭޓް ބުއިން ހުއްޓާލުމަށް ނިންމި ނިންމުން ބަދަލުވުމުގެ ފުރުޞަތު ބޮޑެވެ. އަދި ހުއްޓާލާނެ ތާރީހެއް ކަނޑައެޅުމާއެކު އެދުވަހަކަށް ތައްޔާރުވާން ފަށާށެވެ.

ސިނގިރޭޓްގައި ހިމެނޭ ވިހަ ގަދަ މާއްދާ އެއްކަމަށްވާ ނިކޮޓިންއަކީ އެޔަށް އިންސާނާ ވަރަށް ބޮޑަށް ދެވި ހިފާ އެއްޗާކަށްވާއިރު، ސިނގިރޭޓް ބުއިން ކުއްލިއަކަށް ހުއްޓާލުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އެހެން ކަމުން ތާރީހެއް ކަނޑައެޅުމަށް ފަހު، ސިނގިރޭޓް ބުއިން ދުވަހަކުން ދުވަހަކަށް މަދުކުރަމުންގޮސް ކަނޑައެޅި ތާރީހުގައި އެއްކޮށް ހުއްޓާލުމާކީ އެންމެ އެދެވިގެންވާގޮތެވެ. އަދި ހަނދާނުގައި ބެހެއްޓުމުގެ ގޮތުން ހުއްޓާލުމަށް ކަނޑައެޅި ތާރީހް ތިމާއަށް ކޮންމެ ދުވަހަކު ފެންނަތާކު ޖަހާށެވެ.

އަދި އެދުވަހު ސިނގިރޭޓް ބުއިން އެއްކޮށް ހުއްޓާލުމަށް ފަހު އެހެންކަންކަމުގައި ވީހާވެސް ބިޒީކޮށް އުޅޭށެވެ. އަދި އެދުވަހު ގިނިގިނައިން ފެން ބުއިމާއި ޖޫސް ބުއިމަކީވެސް އެހިވެދޭނެކަމެކެވެ. އަދި ޗުއިން-ގަމް ނުވަތަ މެޓާ ފަދަ އެއްޗެހި އެދުވަހު ކެއުމަކީވެސް ބޮޑު އެހީއަކަށް ވާނެއެވެ.

2. ހުއްޓާލި ވާހާކަ ސިނގިރޭޓް ބޯ ރައްޓެހިންކައިރީގައި ނުބުނުން

ސިނގިރޭޓް ބުއިން ހުއްޓާލުމަށް  ނިންމުމަށް ފަހު އަދި ހުއްޓާލާ ދުވަސްކޮޅު ތިމާގެ ސިނގިރޭޓް ބޯ ރައްޓެހިންގާތު އެވާހަކަ ނުބުނާށެވެ. އަދި އެމީހުންގެ ފަރާތުން އެއްވެސް އެހީއެއް ހޯދުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ރައްޓެހިންނަކީ ސިނގިރޭޓް ބޯ މީހުންނަށްވާއިރު، އެމީހުންގެ ވިސްނުން ހުންނާނީ ތިމާއަށް ސިނގިރޭޓް ބުއިން ހުއްޓާލުމަށް ބާރުއަޅާ ގޮތަކަށް ނޫނެވެ. ނަތީޖާއަކަށް ވާނީ އަނެއްކާވެސް އެ ގޯސް އަމަލު ކުރަން ފަށައިގަނެވުމެވެ.

އެހެންކަމުން އޭގެ ބަދަލުގައި، ތިމާ އަމިއްލަ ނަފްސަށް "ދެން ދުވަހަކުވެސް ސިނގިރޭޓެއް ނުބޯނަމޭ" ޤަބޫލުކުރާ ހިސާބުން، ސިނގިރޭޓް ބޯ ރައްޓެހިންނަށް، ތިމާ ސިނގިރޭޓް ބުއިން ހުއްޓާލިގޮތް ކިޔައިދީ، އެފަދަ ރައްޓެހިން އެކަމުން ދުރުކުރުމަށް މަސައްކަތް ކުރާށެވެ.

3. ސިނގިރޭޓް ހަނދާންވާން ހުރިހާ އެއްޗެއް ނައްތާލުން

ސިނގިރޭޓް ބުއިން އެއްކޮށް ހުއްޓާލުމަށްފަހުވެސް، ކުރިން ސިނގިރޭޓް ބުއިމާއި ގުޅިފައިވާ މީހުން، ތަންތަން، އަދި އެއްޗެހި އަލުން ފެނުމުން އެކަން ކުރުމަށް ބޭނުންވާ ފަހަރު އާދެއެވެ. އެހެންކަމުން ސިނގިރޭޓް ބުއިމާއި ގުޅިފައިވާ ހުރިހާ އެއްޗެއް ނައްތާލާށެވެ. އެގޮތުން ލައިޓަރު އަދި އޭޝް ޓްރޭ ފަދަ އެއްޗެހި ނުބަހައްޓާށެވެ. އަދި ސިނގިރޭޓް ބޯ ރައްޓެހިން ގާތު ތިމާ ހުންނަ ތަންތާގައި ސިނގިރޭޓް ނުބުއިމަށް އެދޭށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ތިމާގެ ފައިސާ ރައްކާކުރެވޭނެ މިންވަރާމެދު ވިސްނާލާށެވެ. ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލާ މެދު ވިސްނާލާށެވެ. ސިނގިރޭޓް ބުއިން ހުއްޓާލަން އަޒުމު ކަނޑަ ނާޅާ ފަރާތެއްނަމަ އަވަހަށް މިކަމާ އުޅުން ކިހާ ސަޅިތޯއެވެ!

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް