ރައީސުލްޖުމްހޫރިއްޔާ ގަމު ކައުންސިލާ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ގަމު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު މެންދުރު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ލިބޭގޮތުގައި ގަމު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ގަމު ކައުންސިލުގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ވަނީ އެތަންތާގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ވަނީ އެމަނިކުފާނާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިބައްދަލުވުމުގައި ކައުންސިލަރުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ގަމުގެ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތަކުގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ގަމުގެ ރައްޔިތުންގެ ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް އަޅާ ހައުސިން ޔުނިޓުތަކާއި ފްލެޓްތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގަމުގެ މަގުތައް ބެލެހެއްޓުމުމުގައި ހުރި ގޮންޖެހުންތައް ވެސް ޙިއްޞާކުރައްވާފައި ވާކަން ފާހަގަކުރައްވާފައިވެއެވެ.

މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމާބެހޭގޮތުންނާއި ގަމު ރީޖަނަލް ހޮސްޕިޓަލުގެ މަސައްކްތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު ވަނީ ޙިއްޞާކުރައްވާފައި ވާ ކަމަށާއި އަދި އެމްއެންޔޫގެ ކެމްޕަހެއް ޤާއިމުކުރުމަށް ގަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ވެސް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރާއި ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިން އަދި ކަމާގުޅޭ މިނިސްޓްރީތަކުން ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ވިސްނުންތެރިކަމާއެކު ޙައްލުކުރެއްވުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ