އަހަރެންގެ އަންހެނުން ޒީވާދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. ސަބަބުތައް ބައިވަރެވެ. ޒީވާއާ އަހަންނާ ބައްދަލުވީ އަހަރެން ކޯހެއް ހަދަން މާލެ ގޮސް އުޅެނިކޮށެވެ. އޭރު ޒީވާ ވެސް ހުރީ ޓީޗިންގ ކޯހެއް ހަދަން މާލޭގައެވެ. އަހަރެމެން ދެމީހުން ދިމާވީ ދެމީހުންގެ ރައްޓެއްސެއް މެދުވެރިކޮށެވެ. ޒީވާ ފުރަތަމަ ފެނުނު ވަގުތުވެސް އެ ސޫރަ އަހަންނަށް ކަމުދިޔައެވެ. އަދި ދުވަސްކޮޅަކު އެއްކޮށް އުޅެލުމުން ޒީވާގެ އަޚްލާޤާއި އުސޫލުތައް އެނގި އިތުރަށް އަހަންނަށް ޒީވާއާމެދު ގަޔާވެވުނެވެ. ޒީވާއަކީ ބަސްއަހާ، ކިޔަމަންތެރި އަދި މަޑުމައިތިރި ކުއްޖެކެވެ. އަހަރެމެން ދެމީހުންނަކީ ރާއްޖޭގެ ދެ ކޮޅު ދެމީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަހަރެންނަކީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އަތޮޅަށް ނިސްބަތްވާ މީހެކެވެ. އަދި ޒީވާއަކީ އެންމެ ދެކުނު އަތޮޅުގެ ރަށެއްގެ ކުއްޖެކެވެ. އަހަރެންގެ ވަޒީފާއާ ގެދޮރު ހުރީ އަހަރެންގެ އުފަން ރަށުގައެވެ. ދެމީހުން ކައިވެނިކޮށްގެން އަހަންނަށް ޒީވާ ގެންގުޅެވެންއޮތީ އަހަރެންގެ ރަށުގައެވެ. އެ ސަބަބަށްޓަކައި އަހަރެމެން ގުޅުމާމެދު ޒީވާގެ މައިންބަފައިން ވަރަށް ދެކޮޅުހެދިއެވެ. ނަމަވެސް އެމީހުންގެ ބަހަށް ނުބަލާ ޒީވާ އަހަންނާ ކައިވެނިކުރިއެވެ. އެއީވެސް އަހަރެން ޒީވާދެކެ އިންތިހާއަށް ލޯބިވާން ދިމާވި މައިގަނޑު އެއް ސަބަބެވެ.
އަހަރެންގެ ރަށަކީ އާބާދީ ވަރަށް ކުޑަ ރަށެކެވެ. އެކަމުގެ ސަބަބުން ރަށުގެ ތަޢުލީމީ ފެންވަރާއި ޞިއްޙީ ކަންތައްތައް ވަރަށް ދަށެވެ. އެހެންކަމުން ގިނަ ޢާއިލާތައް ދިރިއުޅެމުންދަނީ މާލޭގައެވެ. އޭގެ ސަބަބުން ރަށުގައި ގިނައީ ފަޅު ގެއެވެ. އަހަރެންގެ ޢާއިލާގައި ތިބެނީ އަހަންނާއި އަހަރެންގެ ދައްތައެވެ. އަހަރެމެން ވަރަށް ކުޑައިރު ބައްޕަވަނީ ނިޔާވެފައެވެ. ދައްތަވެސް މީހަކާ އިނދެ، ދަރިން ލިބުމާއެކު ދިރިއުޅުން މާލެއަށް ބަދަލުކުރިއެވެ. ދައްތަ ދަމުން ދިޔައީ މަންމަ ވެސް ގޮވައިގެންނެވެ. ސްކޫލް ނިމުމުން އަހަންނަށް ރަށު އޮފީހުން ވަރަށް ރަނގަޅު ވަޒީފާއެއް ލިބުނެވެ. އެހެންކަމުން މަންމަމެން އެދުމުންވެސް އަހަރެން މާލެ ބަދަލުވާކަށް ބޭނުމެއް ނުވިއެވެ. ރަށުގެ ދިރިއުޅުން އަހަންނަށް މާ ހިތްގައިމުވެފައި ބޮލަށް ފަސޭހައެވެ. މަންމައާ ދައްތަ މާލެ ބަދަލުވުމާއެކު އަހަރެން ވަރަށް އެކަނިވެރިވިއެވެ. އެކަން ފޫބައްދާދިނީ ޒީވާއެވެ. އެއީ އަހަރެން ޒީވާދެކު އިތުރަށް ލޯބިވާން މަޖުބޫރުކުރުވި އަނެއް ސަބަބެވެ.
ކައިވެނިކޮށްގެން ރަށުގައި އަހަރެމެން ދިރިއުޅެމުން ދިޔައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. ޒީވާ އަހަންނާ އިނދެގެން އައި ފަހުން ޒީވާގެ ޢާއިލާގެ އެއްވެސް މީހަކު އަހަރެމެންނާ ގުޅުމެއް ނުބާއްވައެވެ. ޒީވާ އެކަމާ ވަރަށް ދެރަވެއެވެ. ނަމަވެސް އެކަން އޭނާއަށް އިޙުސާސްވާވަރު ކުޑަކޮށްދިނުމަށްޓަކައި އަހަންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް އަހަރެން ދިޔައީ ކޮށްދެމުންނެވެ. ކައިވެނިކޮށްގެން ރަށަށް ބަދަލުވުމަށްފަހު ޒީވާ ރަށު ސްކޫލްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަން ފެށިއެވެ. އެހެންކަމުން މާބޮޑަށް ކަންކަމާ ވިސްނަން ފުރުސަތެއް ނޯވެއެވެ.
ކައިވެނިކޮށްގެން ދެވަނަ އަހަރު ޒީވާ ބަނޑުބޮޑުވިއެވެ. އަހަރެމެންނަށް ލިބުނީ ލޯބިލޯބި އަންހެން ކުއްޖެކެވެ. ދަރިފުޅަށް ކީ މިޝާއެވެ. މިޝާ ދުނިޔެއަށް އައުން ވެގެންދިޔައީ އަހަރެމެންގެ ދިރިއުޅުން އިތުރަށް ފުރިހަމަވެގެންދިޔަ ކަމަކަށެވެ. ދަރިފުޅު ލިބުމާއެކު ދަރިފުޅުގެ ކަންތައްތައް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ޒީވާ ވަޒީފާއިން ވަކިވިއެވެ. އެއީ އަހަރެން ޒީވާދެކެ ވަމުންދާ ލޯބި އަނެއްކާ އިތުރުވެގެންދިޔަ ކަމެކެވެ. އަހަރެން ޤަބޫލޫކުރާގޮތުގައި ޒީވާއަކީ އަހަންނަށް ލިބުނު ނަސީބެކެވެ. އެހެންކަމުން ޒީވާ އަހަރެންގެ ޙަޔާތް ފުރިހަމަކޮށްދިނުމަށްޓަކައި ވަމުންއެދާ ޤުރުބާނީގެ އަގު އަދާކުރެވޭނެ ދުވަހެއް އަތުވެއްޖެނަމަ އެކަމެއް ކޮންމެފަދަ ޙާލެއްގައިވެސް ކޮށްދިނުމަށް އަހަރެން ހުރީ ޢަޒުމުކަނޑައަޅައިގެންނެވެ.
ދުވަސްތައް އުފަލާއި ހިތްހަމަޖެހުމުގައި ކުރިއަށް ދިޔައެވެ. ﷲ ގެ ރަޙްމަތްފުޅުން އަހަރެމެންގެ ދަރިފުޅު ވެގެންދިޔައީ ވަރަށް އުފާވެރި ދުޅަހެޔޮ ކުއްޖަކަށެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެމެން ތިބީ މިޝާ ގޮވައިގެން ރަށުގެ ތުނޑީކޮޅުގައެވެ. އެހެން ތިބެ އެކި ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް ޒީވާ ވަރަށް އެހެންކަހަލަ ވާހަކައެއް ދައްކަންފެށިއެވެ.
"އަހަރެން މިހާރު މިވާހަކަ ބުނަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. އަހަރެންގެ މައްސަލައެއް ނެތް ޝާހިދު މިވާހަކަ ގަބޫލު ނުކުރިޔަސް. އެކަމަކު އަހަރެން ބޭނުން މިވާހަކަ ހިއްސާކޮށްލަން. އަހަރެންގެ އިތުރު ރައްޓެއްސެއްވެސް ނެތެއްނު." ވަރަށް ނުކެރިފައި އިންފަދަ ގޮތަކަށް ޒީވާ ވާހަކަ ދައްކަމުން ދިޔައެވެ.
"އަހަންނަށް މިހާރު ފެންނަ ހުވަފެންތައް ވަރަށް ސީދާވޭ. ކުރިން އަހަރެންމީ ހުވަފެނެއް ފެނުނަސް ހޭލާއިރު ހުވަފެން ހަނދާން ހުންނަ މީހެއް ނޫން. އެކަމަކު މިޝާއަށް ބަނޑުބޮޑުވި ފަހުން ފެންނަ ހުވަފެންތައް ހޭލާއިރު ހަނދާންހުރޭ. ހަމަ ހީވަނީ ފިލްމެއްގެ މަންޒަރު ފެންނަހެން. އަދި ސީދާވެސް ވޭ. ކޮންމެ ރެއަކު ހުވަފެނެއް ނުފެނޭ. އެހެން އުޅެލާފަ ހަފްތާއަކު އެއް ރޭ ނޫނީ ދެހަފްތާއިން އެއްހަފްތާ އެއް ހުވަފެން ކަހަލަ ގޮތަކަށް ފެންނަނީ. މިޝާ ބަލިވާތީ ފެންނަ ހުވަފެންވެސް ހަމަ ސީދާވޭ. އެގޮތަށް ފެންނަ ކުދިކުދި ކަންތައްވެސް ހަމަ ދިމާވޭ."
"ތިވެދާނެ ހީވާ ގޮތަކަށްވެސް. އަހަންނަށްވެސް މިހެން އުޅޭއިރު ބައެއް ކަންތައްވީމާ ހީވޭ އެއީ ކުރިންވެސް ވެފަ އޮތް ކަމެކޭ. އެއަށް އިނގިރޭސި ބަހުން ކިޔަނީ ޑިޖާވޫ." ޒީވާގެ ވާހަކަ ކަނުލާ އަޑުއަހަން އިނދެފައި އަހަންނަށް ހީވާގޮތް ހާމަކުރީމެވެ. އެކަހަލަ ކަންތައްތަކަކީ އަހަރެން އެހާ ގަބޫލުކުރާ ކަންތައްތަކެއް ނޫނެވެ.
"އަހަރެން ބުނީމެއްނު ޝާހިދު ގަބޫލު ނުކުރިޔަސް މައްސަލައެއް ނެތޭ. އެކަމަކު ރޭގަ ފެނުނު ހުވަފެނަކުން އަހަރެންގެ ހިތް ނުތަނަވަސްވާތީ ކޮންމެހެންވެސް މިވާހަކަ ދައްކަން މި ޖެހުނީ." ވާހަކަ ދައްކަމުންގޮސް އުނދަގޫވެގެން އުޅޭފަދަ ގޮތަކަށް ޒީވާ ވާހަކަ މެދުކަނޑާލިއެވެ. "އަހަންނަށް ރޭގަ ފެނުނީ ޝާހިދުގެ މަންމަ މަރުވާތީ." ވަރަށް ނުބުނާން އުޅޭފަދަ ގޮތަކަށް ޒީވާ ބުނެލިއެވެ.
"ހިހިހިހި... މިއަދު ހެނދުނުވެސް އަހަރެން މަންމައަށް ފޯނު ކުރިން. މަންމަ ޙާލު ހަމަ ބަރާބަރު. ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ." ޒީވާގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން އަހަރެން ބުނެލީމެވެ.
"އެކަމަކު އަހަރެން ހަމަ ހިތް ބިރުގަންނަނީ. އަޅެ ޝާހިދު މަންމައަށް ގުޅާލަބަލަ." ކަންބޮޑުވެފައި ޒީވާ ބުނެލިއެވެ.
"ދެން މިރޭ ހަމަޖެހިލައިގެން އަހަރެން ގުޅާލާނަން. މިހާރު އެއޮށް އިރު އޮއްސެނީ. ހިނގާ ދެން ގެއަށް ދާން." ޒީވާ މާބޮޑަށް ހާސްވެފައި އިނުމުން އެވާހަކަ އެހިސާބުން އަހަރެން ނިންމާލީމެވެ.
ގެއަށް ގޮސް މިޝާގެ ކަންތައްތަކާއި ގޭގެ ކަންތަކުގައި ޒީވާ އުޅުނީ ވަރަށް އަވަދިނެތިކޮށެވެ. އެހެންކަމުން ފަހުން އެވާހަކައެއް ނުދައްކައެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ އެރޭ އަހަންނަށް ލިބުނު ފޯނު ކޯލަކަށް ފަހުގައެވެ. މަންމަ ސިޑިން ވެއްޓި ބޯ ޖެހިގެން ވަރަށް ސީރިއަސްވެގެން އައި.ސީ.ޔޫ އަށް ގެންދިޔަ ޚަބަރު ލިބުނީ އެރޭ 10 ޖަހާފައި ހުއްޓައެވެ. އެހެންކަމުން އޭގެ އަނެއް ދުވަހު ފުރި ފެރީއިން އަހަރެން ޒީވާއާއި މިޝާ ގޮވައިގެން މާލެ ފުރީމެވެ. ކޯމާއެއްގައި އޮތުމަށްފަހު މަންމަ މަރުވީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. މަންމަ މަރުވި ޚަބަރު ލިބުނު ވަގުތު ޒީވާގެ މޫނުމަތިންނާއި ލޮލުން ފެނިގެން ދިޔަ އަސަރު އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ޒީވާ ދެއްކި ވާހަކަތަކާމެދު ފުންކޮށް ވިސްނުމަށް އެ ހިތާމަވެރި ހާދިސާ މެދުވެރިއަކަށްވިއެވެ. އެއީ ކިހިނެއް ވާ ކަމެއްބާއެވެ؟ އެހާ ސީދާކޮށް މީހުންނަށް ހުވަފެން ފެނޭހެއްޔެވެ؟
(ނުނިމޭ)





ހިޔާލު
Varah futihama. Waiting for next part ❤️?