ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށްފައި ބަހައްޓާ ބެހެއްޓުމާ ދެކޮޅު ހެދުމުގެ ގޮތުން ޕްރޮގްރެސިވް ކޯލިޝަނުން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާދި ދެންމެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން ހައްޔަރުކޮށްފައި ބަހައްޓާފައިވަނީ އުޞޫލުން ބޭރުން ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ބަންދުކޮށްގެން ގެންގުޅޭތީ ޕްރޮގްރެސިވް ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، ދެ ދުވަސް ވަންދެން އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ބޭއްވުމަށްފަހު އަލުން އަނބުރާ މިއަދު ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
"ވަރަށް ދެރަވަރުކޮށް ރައީސް ޔާމީނާ ދޭތެރޭގައި ކަންތައްކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އެހެންވީމަ މިކަމާ ދޭތެރޭގައި ޕީޕީއެމް އަދި ޕީއެންސީގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް. އިތުރަށް އިތުރު ހަރަކާތްތަކެއް ރާވާ ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ނިންމާފައި." އަދުރޭ ވިދާޅުވިއެވެ.
ރާވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު މާ ލަސްތަކެއް ނުވެ ހިއްޞާކުރައްވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ މި ޤައުމަށް ވަރަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، އެފަދަ ބޭފުޅަކު އުޞޫލުން ބޭރުން ޖަލުގައި ބަންދުގައި ބެހެއްޓިގެން ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ހެއްކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައީސް ޔާމީން ހައްޔަރުކުރިތާ މިއަދަށް 18 ދުވަސް ހަމަވާއިރު، ޝަރީއަތް ކުރިއަކަށް ނުދެއެވެ.