މިވަގުތު ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޞިއްޙީ ހާލުކޮޅު ރަނގަޅު ނޫންކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޔާމީންގެ ޞިއްޙީ ޚާލަތު ސާފު ނުވާތީ ރައީސް ޔާމީންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި، އެމަނިކުފާނުގެ ހާލު ރަނގަޅޫ ނޫން ކަމަށެވެ.
ރައީސް ޔާމީންގެ މިވަގުތުގެ ޞިއްޙީ ހާލުކޮޅު ހުރިގޮތަށް ރިއާޔަތް ކުރައްވާ، އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ މައްސަތައް ތަޙްޤީޤު ކުރިއަށްދާއިރުގައިވެސް އެމަނިކުފާނު ގޭގައި ބަހައްޓައިދިނުމަށް ސައީދު ވަނީ ގޮވާލައްވާފައެވެ.
"ރައީސް ޔާމީންގެ ޞިއްޙީ ހާލުކޮޅު ރަނގަޅެއް ނޫން، އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އެބަހުރި، ޑޮކްޓަރުންގެ ބައެއް ލަފާ ދެއްވުން އެބަހުރި." ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، ރައީސް ޔާމީން އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓުމާ މެދުގައި އިތުރަށް ވިސްނެވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ.
"މިއަދު އެމަނިކުފާނު އެކަހެރިވެ ހުންނަވާ ހުންނެވުމުގައި ކަސްރަތު ކުރުމުގައު ދަތިތަކެއް އެބަހުރި. އަދި ހަމައެއާ އެއްކޮށް އެހެން އެފަދަ ބޭފުޅުންނަށް މީގެ ކުރިން ސަރުކާރުން ފެސިލިޓޭޓް ކޮށްދޭ ފަރާތްތަކުން ކުރި ބައެއް ކަންތައްތައް އެމަނިކުފާނާ ދޭތެރޭގައި ނުވާކަން މި ފުރުޞަތުގައި ފާހަގަކޮށްލަން." ސަޢީދު ވިދާޅުވިއެވެ.
އިތުރަށް ސަޢީދު ވިދާޅުވީ، ރައީސް ޔާމީން ހޮސްޕިޓަލުން ދޫކޮށްލުމުން އަލުން އެނބުރި ޖަލަށް ގެންދާނެކަމަށް އިންތިޒާރު ނުކުރައްވާ ކަމަށާއި، ޔާމީނަކީ ހެކި ފޮރުވަން ބޭނުންވާ ބޭފުޅެއް ނޫން ކަމަށާއު، އެފަދަ މަޤްޞަދެއް އޮތްނަމަ އެމަނިކުފާނު ރާއްޖޭގައި ނުހުންނެވީސް ކަމަށެވެ.
ރައީސް ޔާމީންގެ ދިފާއުގައި އެމަނިކުފާނުގެ ސަޕޯޓަރުން ހިންގަން ރާވާ ހަރަކާތްތަކަށް ޕްރޮގްރެސިވް ކޯލިޝަނުގެ ދެ ޕާޓީގެ ލީޑަރޝިޕުން އެއްބާރުލުން ދެއްވާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.




