ހަނޑޫ ބަސްތާއެއްގައި ގދ.ދައްދޫއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެނެފިއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ގައްދޫން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުން ވިދާޅުވީ، ގައްދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ ޕޮލިސް ސްޓޭޝަނާއި އަދި އިންޓެލިޖެންސް ގުޅިގެން މާރިޗު 6 ވަނަ ދުވަހު 19:30 ހާއިރު ހިންގި މި ޚާއްޞަ އޮޕަރޭޝަން ހިންގާފައިވަނީ، މާލެއިން ފުރައިގެން ގައްދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން ގައްދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށެވެ.

"އެ ދޯނި ގައްދުއާއި ގާތްކުރި ވަގުތު ފުލުހުން އެދޯންޏަށް އަރައި ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ބޮޑު ފަސް ޕެކެޓު އެ ދޯނީގައި އޮތް ހަނޑޫ ބަސްދާއެއްގެ ތެރެއިން ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި ގއ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ވެސް އެއްބާރުލުން ލިބިފައިވާ ކަމަށާއި، ނަމަވެސް މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.