ނޫސްވެރިކަމުގެ އެވޯޑް ހަފްލާއެއްގެ ތެރެއިން - ފޮޓޯ: އަވަސް

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހަށް ހަމަވާގޮތަށް ކުރިން އޮތް ނަމަވެސް، އެމްއެމްސީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، މި އިނާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ އަދި ފޮޓޯގްރަފީގެ ދާއިރާ އާއި ވީޑިއޯގްރަފީގެ ދާއިރާގެ އިތުރުން ފީޗަރ ދާއިރާ އަދި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމެވެ.

މި އަހަރުގެ އިނާމަށް ކޮންމެ ދާއިރާއަކުން ދެ އިނާމެއް ދޭން ވަނީ ހަމަޖައްސާފައެވެ. އެއީ އޮންލައިން ނުވަތަ ޕްރިންޓު މީޑީއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ދޭ އިނާމާއި ބްރޯޑްކާސްޓިން ކެޓަގަރީން ރޭޑިއޯ ނުވަތަ ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ދޭ އިނާމެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް މިފަހަރު ނަން ހުށަހަޅަން ޖެހެނީ އެ ނޫސްވެރިޔަކު މަސައްކަތްކުރާ މީޑިއާގެ އިދާރާ އަކުންނެވެ. އަދި ކޮންމެ މީޑިއާއަކުން މި އިނާމަށް ހުށަހެޅޭނީ އެންމެ ނޫސްވެރިއެއްގެ ނަމެވެ.

މި އިނާމަށް ނަން ހުށަހެޅޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިންގ މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި، ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހާ ދެމެދު، މަދުވެގެން ޖުމުލަ 9 މަސް ދުވަހު މަސައްކަތްކޮށްފައިވާ އަދި އެ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ނޫސްވެރިކަމުގެ ދާއިރާގައި ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައި ނުވާ ނޫސްވެރިންނަށެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އޮގަސްޓް 29 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ