ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ކުލަބް ވެމްކޯ އަތުން މޮޅުވެ ޕޮލިސް ކުލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ކުލަބް ވެމްކޯގެ މައްޗަށް ޕޮލިސް ކުލަބުންކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 27-15 އިންނެވެ. މިސެޓަށްފަހު ޕޮލިސް ކުލަބުން ވަނީ ކުޅުން ރަނގަޅުކޮށް ފަހު ދެ ސެޓް ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ. މި ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-19 އަދި 25-18 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބަށް ކުޅޭ ނޭޕާލް ކުޅުންތެރިޔާ ޕްރަތީބާ މާލީއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ކެޕްޓަން ހައްވާ ރާޝިދާއެވެ. މުބާރާތުގެ ޑްރީމް ޓީމުގައިވެސް ހައްވަ ހިމެނުނުއިރު، ދެން ޑްރީމް ޓީމުގައި ހިމެނުނީ ޕޮލިސް ކުލަބުގެ ހައްވާ ސަހާ އާއި ފާތިމަތު ޖޫޒާން ޒަރީރު އާއި ޕޮލިސް ކުލަބުގެ ލިބަރޯ ނުހާ ވަހީދު އާއި އައިމިނަތު ސާހާ ޝާމިންގެ އިތުރުން ވެމްކޯގެ އައިމިނަތު އަރީޝާ އާއި މަރިޔަމް އަޒީފާ އާއި އައިމިނަތު ރިޔާޝާއެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ހައްވާ ސާހާއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ޕޮލިސް ކުލަބު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޕޮލިސް ކުލަބުގެ ފަތުޙުﷲ ވަޙީދުއެވެ.
ޕޮލިސް ކުލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ މު މުބާރާތް ޕޮލިސް ކުލަބުން ކާމިޔާބުކުރި 10 ވަނަ ފަހަރެވެ.



