ލ.އިސްދޫ ސްކޫލް މަލްޓި ޕަރޕަސް ހޯލްގެ 2 ބުރި އަދި ފުވައްމުލައް ސިޓީ، އެމް.ޖޭ.އެސް މަލްޓި ޕަރޕަސް ހޯލްގެ2 ބުރި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ އިނޯކާ ޕްރައިވެޓް ލިމިޓެޑް އާއި ކަމަށާއި މިއީ PSIP 2019 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ވިދާޅުވީ ލ.އިސްދޫ ސްކޫލް މަލްޓި ޕަރޕަސް ހޯލް 2 ބުރި އިމާރާތްކުރުމަށް އެފަރާތުން ހުށަހަޅުއްވާފައިވަނީ 6,684,097.35-( ހަ މިލިއަން ހަލައްކަ އަށްޑިހަ ހަތަރު ހާސް ނުވަދިހަ ހަތް ރުފިޔާ ތިރީސް ފަސް ލާރި) އަށް ކަމަށެވެ.
އަދި ފުވައްމުލައް ސިޓީ، އެމް.ޖޭ.އެސް މަލްޓި ޕަރޕަސް ހޯލް 2 ބުރި އިމާރާތްކުރުމަށް ހުށަހަޅުއްވާފައިވަނީ 6,940,822.29/- (ހަ މިލިއަން ނުވަލައްކަ ސާޅީސް ހާސް އަށްސަތޭކަ ބާވީސް ރުފިޔާ ނަވާވީސް ލާރި) އަށް ކަމަށެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް އެވެ. އަދި އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝަމީމް އެވެ.
އިނޯކާ ޕްރައިވެޓް ލިމިޓެޑް އިން މި ދެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
"އެހެންކަމުން އަޅުގަނޑުމެން އުންމީދުކުރަނީ 2020 ވަނަ އަހަރު ޖުލައި މަހުގައި މި މަސައްކަތް މުޅިން ނިމޭނެ ކަމަށް" އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.




