ޔޫރޮޕާ ލީގު – 10 ކުޅުންތެރިންނާއެކު ކުޅުނު އާސެނަލް ރެންސް އަތުން ބަލިވިއިރު ޗެލްސީއަށް ފަސޭހަ މޮޅެއް

ޔޫރޮޕާ ލީގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ރެންސް އަދި އާސެނަލް ބައްދަލުކުރި މެޗުން އާސެނަލް ދަށްވެއްޖެއެވެ.

1-3 ގެ އާސެނަލް ދަށްވި މިމެޗުގައި އެޓީމުގެ ޕަޕާސްޓާތޮޕޮލޮސްއަށް މެޗުގެ 41 ވަނަ މިނަޓްގައި ދެއްކި ދެވަނަ ރީނދޫ ކާނޑާއެކު ދެއްކި ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން މެޗުގެ ބާކީއޮތްބައި އާސެނަލް ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ.

މެޗުގެ ކުރީކޮޅުގައި ލަނޑުޖަހާ ފުރަތަމަ ލީޑުނެގީ އާސެނަލްއެވެ. މިލަނޑު މެޗުގެ 3 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ އިވޯބީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެންސްގެ ބެންޖަމިން ގޯލުގެ ކަނާތު މަތީކަނަށް ވައްދާލި ހިތްގައިމު ލަނޑަކާއެކު މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

ފުރަތަމަ ހާފު އާސެނަލްއަށް ދެއްކި ރަތްކާޑާއެކު މުޅި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ. ރަނގަޅަށްކުޅެ ގިނަ ހަމަލާ އުފެއްދީވެސް ރެންސްއެވެ.

ރެންސްގެ ދެވަނަ ލަނޑަކީ އާސެނަލްގެ ޑިފެންޑަރު މޮންރެއަލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ރެންސްގެ ތިންވަނަ ލަނޑަކީ މެޗުގެ 88 ވަނަ މިނަޓްގައި އެޓީމުގެ ސަރް ބޮލުން ޖަހައިދިން ލަނޑެކެވެ.

ދެވަނަ ލެގުގައި މިނަތީޖާ އަނބުރާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އުނައި ބުނެފައިވެއެވެ.

ޗެލްސީ ކުޅުންތެރިން އުފާ ފާޅުކުރަނީ - ފޮޓޯ: އިވްނިންގ ސްޓޭންޑާޑް

ޔޫރޮޕާ ލީގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ޗެލްސީ އަދި ޑައިނަމޯ ކީވް ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ޗެލްސީ ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނަޓްގައި ޕެޑްރޯ ޖެހިއިރު މިއީ ޖިރޫޑް ފުންނާބުން ފަހަތަށް ޖެހި ބޯޅައަކަށް އަރާ ގޯލާ ވަރަށްކައިރިން ޖެހި ލަނޑެކެވެ. އަދި ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނަޓްގައި ވިލިއަން ޖަހައިދިނީ 25 ޔާޑު ދުރުންނެވެ. ޗެލްސީގެ ތިންވަނަ ލަނޑު މެޗުގެ 90 ވަނަ މިނަޓްގައި ހަޑްސަން ޖަހައިދިންއިރު މިއީ މިސީޒަންގައި ހަޑްސަން ޗެލްސީއަށް ޖަހައިދިން ތިންވަނަ ލަނޑެވެ.

މުޅި މެޗު ޗެލްސީން ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު ޑައިނަމޯއަށް ޗެލްސީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައިނުވެއެވެ. މިމެޗުގެ ދެވަނަ ލެގު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ ކީވްގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް