ސްޕެއިންގެ ބާސެލޯނާއިން އަނެއްކާވެސް ނޭމާ ހޯދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ ހޯދުމަށް ބާސެލޯނާއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ނުހަނު ގިނަ މަސައްކަތް ކޮށްފައިވީނަމަވެސް ޕީއެސްޖީ އެކަމަށް އާބަސް ނުބުނުމުގެ ސަބަބުން އެކަން ކާމިޔާބުވާގޮތްނުވީއެވެ.
ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާގެ އެއްވަނަ ޓާގެޓަކީ ނޭމާއެވެ. އަދި ނޭމާ ގެންނަން ބޭނުންވާ ފައިސާ ހޯދުމަށް ބާސެލޯނާގެ ބައެއް ކުޅުންތެރިން ވިއްކާލާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ހޫނު މޫސުމުގައި ބާސެލޯނާއިން ގްރިޒްމަންއާއި ޑިޔޮން ބޮޑު ޚަރަދެއްކުރުމަށްފަހު ގެނެސްފައިވާއިރު، ބާސެލޯނާއިން ކުރިއަށް އޮތް ހޫނު މޫސުމަށްވެސް ޚަރަދުކުރުމަށް ތައްޔާރުވާނެކަން ޔަޤީނެވެ. އަދި ނޭމާ ހޯދުމަށް ކުރިން ހުށަހެޅި ވަރަށްވުރެ ބޮޑު އަދަދެއް މިފަހަރު ހުށަހެޅުންވެސް އެކަށީގެންވެއެވެ.
ނޭމާގެ އަގެއްކަމަށް މިދިޔަ ހޫނު މޫސުމުގައި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރ ލިއަނާޑޯ ބުނެފައިވަނީ 222 މިލިއަން ޔޫރޯކަމަށެވެ.
ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ބާސެލޯނާ ދޫކޮށް ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. ޕީއެސްޖީއިން ނޭމާ އެކްލަބަށް ގެނައީ ޗެމްޕިއަންސް ލީގު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ. އެހެންނަމަވެސް އުންމީދުކުރިފަދަ ނަތީޖާތަކެއް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއަށް ލިބިފައިނުވާއިރު، މިދިޔަ ދެސީޒަންގައިވެސް ގަދަ 16 އަށްވުރެ ދުރަށް ޕީއެސްޖީއަށް ދެވިފައެއް ނުވެއެވެ.
އަދި މިސީޒަންގެ ގަދަ 16 އަށްވެސް ޕީއެސްޖީ ކޮލިފައިވެފައިވާއިރު، ޗެމްޕިއަންސް ލީގުގެ މިސީޒަންގައި ޕީއެސްޖީގެ ނަތީޖާ ނުކުންނަ ގޮތަކުން ނޭމާ އެކްލަބުން ވިއްކާލަން އެއްބަސްވުން ވަރަށް ގާތެވެ.



