ލިވަޕޫލް އަތުން ދަށްނުވިނަމަ ބާސެލޯނާއަށް ކޮޕަޑެލްރޭ ކާމިޔާބު ކުރެވުނީސް: ވަލްވާޑޭ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ މިދިޔަ ސީޒަންގެ ސެމީ ފައިނަލްގައި ލިވަޕޫލް އަތުން ބާސެލޯނާ ބަލިނުވިނަމަ، މިދިޔަ ސީޒަންގެ ކޮޕަޑެލްރޭ ބާސެލޯނާއަށް ކާމިޔާބު ކުރެވުނީސްކަމަށް ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ބާސެލޯނާގެ ވެބްސައިޓެއް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ، އެންފީލްޑްގައި ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ ބުރުގައި ލިވަޕޫލްއިން މެޗުގެ ކުރީ ކޮޅު ލަނޑެއް ޖެހުމުގެ ސަބަބުން، ކުރިން އޭގެ ސީޒަންގައި ރޯމާ އަތުން ކެޓި ހަނދާންތަކާއެކު އެކަމުގެ އަޞަރު ކުޅުންތެރިންނަށް ކުރީކަމަށެވެ.

"އަހަރެމެން ލިވަޕޫލް އަތުން މޮޅުވި ނަމަ، ކޮޕަޑެލްރޭ ފައިނަލުންވެސް މޮޅުވީސް." ވަލްވާޑޭ ބުންޏެވެ.

މީގެއިތުރުން ވަލްވާޑޭ ބުނީ، ލިވަޕޫލް މެޗުން ދަށްވުމާއެކު އެކަމުގެ އަސަރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރިކަމަށާއި، އެކަމުގެ ސަބަބުން ކޮޕަޑެލްރޭ ފައިނަލްގައި ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ފެނިފައި ނުވާކަމަށެވެ. މިއަހަރުގެ މެއިމަހުގެ ފަހުކޮޅު ކުޅެވުނު ކޮޕަޑެލްރޭ ފައިނަލްގައި ވެލެންސިއާއާއި ބައްދަލުކޮށް ބާސެލޯނާ ބަލިވެފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު މިދިޔަ ސީޒަންގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާއިން 3-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށްފައިވީނަމަވެސް، ދެވަނަ ލެގުގައި އެންފީލްޑްގައި ކުޅެވުނު މެޗުން 0-4 ގެ ނަތީޖާއަކުން ބަލިވެ ބާސެލޯނާވަނީ މުބާރާތުން ކަޓައިފައެވެ. އޭގެކުރިން އަހަރުވެސް ހަމަ އެފަދަ ހިތްދަތިގޮތަކަށް ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓިއިރު އެފަހަރު ވާދަކޮށްފައިވަނީ ރޯމާއެވެ. ފުރަތަމަ ލެގުގައި 4-1 ނަތީޖާއަކުން ބާސެލޯނާ މޮޅުވިނަމަވެސް، ދެވަނަ ލެގުގައި ރޯމާ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ. އެއަހަރު ކުއާޓާ ފައިނަލްގައި ބާސެލޯނާ ރޯމާ އަތުން ކަޓައިގެން ދިޔައީ އަވޭ ގޯލްގެ ނަތީޖާއިންނެވެ.

މިސީޒަންއާއި ބެހޭގޮތުން ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ، މިސީޒަންގައި މެޗުތަކުން މޮޅުވާން އުނދަގޫކަމަށާއި އެހެން އަހަރުތަކާއި ޚިލާފަށް މިއީ އުނދަގޫ ސީޒަނެއްކަމަށެވެ. އަދި ކުރިއަށްއޮތް 2020 ގައި އަމާޒަކީ ހުރިހާ މެޗަކުންވެސް ބާސެލޯނާ މޮޅުވުންކަމަށް ވަލްވޭޑް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ