އަމިއްލަ ގެއަށް ވަންނައިރުވެސް ސަލާމް ގޮވަންޖެހޭ - ޚުޠުބާ

މުސްލިމުން އަމިއްލަ ގެދޮރަށް ވަންނައިރުވެސް ސަލާމް ގޮވަންޖެހޭކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ސަލާމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ އަދުގެ ޚުތުބާގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަކީ ސަލާމަތުގެ ދީން ކަމަށާއި، އެންމެންނަށް ރައްކާތެރިކަމާއި އަމާންކަން ގެނެސްދިނީ އިސްލާމްދީން ކަމަށެވެ. އަދި އިސްލާމްދީނުގައި އަންގަވާފަައިވާ ގޮތަށް އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ މުސްލިމު ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބެއް ކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲ ގެ ޙަޟްރަރަތުންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ! އެފަދައިން ތިޔަބައިމީހުންނަށް އާޔަތްތައް ބާވާލައްވަތެވެ. (ޢެއީ) ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ." ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ، އެ އާޔަތަށް ވިސްނާއިރު ތިބާގެ އަމިއްލަ ގެއަށް ވަންނައިރުވެސް ސަލާމް ގޮވާލުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، އޭގެ ސަބަބުން ތިމާއަށާއި، ގޭގެ އަހުލުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ.

"އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމްކޮށް، އިޛުނަ ލިބިގެންފުމަށްދާންދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (ޢެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެެވެ." ތިމާ ދިރިއުޅޭ ގެ ނޫން އެހެން ގެއަކަށް ވަންނަހިނދު ޢަމަލުކުރަންވީ ގޮތް ބަޔާންކުރައްވައި، ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް އަލިއަޅުއްވާލައްވާފައިވަނީ އިސްލާމީ ސަލާމަކުން ސަލާމްކުރާނެ ގޮތާއި، ސަލާމުގެ ހުކުމުގެ މައްޗަށެވެ. އަދި ސަލާމުގެ އިބާރާތާއި މެދުގައިވެސް ފުޅާ ދާއިރާއެއްގައި ދީނީ ނަޒަރަކުން އަދުގެ ޚުޠުބާގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ގޭގެއަށް ވަންނައިރު ސަލާމް ގޮވުމަށް ހުކުރު ޚުޠުބާގައި ވާރު އެޅުއްވިއިރު، އެކަމަކީ ދިވެހި ސަޤާފަތުގެ ތެރެއިން އަދުގެ ޖީލަށްވެސް ވާރުތަވެފައިވާ ރީތި އާދައެކެވެ. ނަމަވެސް އެ އާދައާ ދުރަށްދާ މަންޒަރު މަދުން ނަމަވެސް ފެންނަކަމީ ހިތާމަހުރި ކަމެކެވެ.

އަމިއްލަ ގެދޮރަށާއި، އަނެކާގެ ގެދޮރަށް ވަންނައިރި ސަލާމް ގޮވަންޖެހޭކަން ދަނެ، އެ ރިވެތި އާދަ އިތުރަށް އަށަގެންނުމަށް އެންމެހާ ލޮބުވެތި ރައްޔިތުން އަތުކުރި އޮޅާލަމާ ހިނގާށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް