ސަލާމުގެ ބަދަލުގައި ހެލޯ، ހާއި، ކިޔުމަކީ ﷲ ގެ އޯގާވަންތަކަން ބޮލާލާޖެހުން

އިސްލާމީ ސަލާމަށް ވަކި ޚާއްޞަ އިބާރާތެއް ކަނޑައެޅި ބަޔާންވެފައިވީ ހިނދު، އެ އިބާރާތްތައް ބޭނުންކުރުމުގެ ބަދަލުގައި އެހެން އިބްރާތްތައް ބޭނުންކުރުމަކީ ﷲ ގެ އޯގާވަންތަކަން ބޮލާލާ ޖެހުން ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، ދޭދޭ ފަރުދުން ބައްދަލުވާހިނދު އިސްލާމީ ސަލާމުން ސަލާމް ކުރުމަށް އާދަކުރާ ބަޔަކަށް އެންމެހާ މުސްލިމު އުޚުންނާއި އުޚުޠުން ވާންޖެހޭ ކަމަށާއި، ފޯނުކުރުމާއި، މީސްމީޑިއާގެ ވަސީލަތްތަކުން އެކަކު އަނެކެކާ މުޢާމަލާތް ކުރުމުގައިވެސް އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމްކުރަންޖެހޭ ކަމަށެވެ.

"ސަލާމްކުރުމަށް ދީނުގައި ވަކި ޚާއްޞަ އިބްރާތެއް ކަނޑައެޅިފައިވާއިރު، އިސްލާމްދީނުގެ ރިވެތި ސަލާމް ދޫކޮށްލައި، އޭގެ ބަދަލުގައި "ހަލޯ"، "ހާއި" ނުވަތަ ހަމައެކަނި ނިތްވާލުމަކީ ނުވަތަ އަތުން އަތުން އިޝާރާތް ކޮށްލުމަކީ ﷲ ގެ ރަޙުމަތާއި އެކަލާނގެ އޯގާވަންތަކަން ބޮލާލާޖެހުން ކަމުގައި ނޫނީ ނުވާނެ." އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ސްކޫލް މަދަރުސާތަކުގައި ދޭވޭ ތަރުބިއްޔަތުގައި އެންމެ އިސްކަމެއް ދެވިފައިވާ އެއް ކަމަކީ އަނެކުންނަށް އިޙްތިރާމު ކުރަން ދަސްކޮށްދީ ދަރިވަރުންގެ ކިބައިގައި އެ ސިފަ އަށަގެންނެވުމަށް މަސައްކަތް ކުރުން ކަމަށާއި، ސްކޫލް ތެރޭގައި އުޅޭއިރު އެކަކު އަނެކަކާ ސަލާމް ކުރުމަށް އާދަކުރަންޖެހޭ ކަމަށް އަދި މުދައްރިސް ކްލާހަށް ވަނުމަށްފަހު ސަލާމް ގޮވާލުމުން ސަލާމުގެ ޖަވާބު ދިނުމަކީ ދަރިވަރުން ކުރަންޖެހޭ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

އިސްވެ ސަލާމް ކޮށްގެން ދަރުމަ ލިބިގަތުމަށާއި، ސަލާމް ކުރުމާއި ސަލާމުގެ ޖަވާބު ދިނުމުގައި ފުރިހަމަ އިބާރާތް ބޭނުންކުރުމަށް އަދުގެ ޚުޠުބާގައި ބާރު އަޅުއްވާފައިވެއެވެ.

ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމްގެ ފަރާތްޕުޅުން ވާރިދުވެފައިވާ ގޮތުގައި السلام عليكم ބުނެފި މީހަކަށް 10 ހެޔޮކަން، السلام عليكم ورحمة الله ކިޔައިފި މީހަކަށް 20 ހެޔޮކަން އަދި السلام عليكم ورحمة الله وبركاته ކިޔައިފި މީހަކަށް ލިބިގެން ދާނީ 30 ހެޔޮކަމެވެ.

ސަލާމް ކުރުމަކީ ދިވެހިންގެ ތެރޭގައި އަދިވެސް އޮތް ރީތި އާދައެކެވެ. އެ އާދަ އިތުރަށް ދިރުވާ އާލާކުރުމަކީ ކޮންމެ ފަރުދެއްގެވެސް ދީނީ އަދި ފަރުދީ ޒިންމާއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ