ސަލާމުގެ ޖަވާބު ދިނުމަކީ ވާޖިބެއް - ޚުޠުބާ

އިސްލާމީ ރިވެތި ސަލާމުން ސަލާމް ކުރެވޭހިނދު އެ ސަލާމް ބަލައިގަނެ، ސަލާމަށް ޖަވާބު ދިނުމަކީ ވާޖިބެއްކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

އިސްލާމީ ސަލާމުގެ މައްޗަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައިވާ އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، މުސްލިމުން އަކަކު އަނެކަކާ ބައްދަލުވާ ހިނދު އިސްލާމްދީނުގެ ސަލާމުން ސަލާމް ކުރުމަކީ ނުހަނު ގިނަ ދަރުމައާއި ޘަވާބުހުރި ކަމެއް ކަމަށެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ، "އިސްވެ ސަލާމް ކުރުމަކީ ސުންނަތެކެވެ. އަދި ސަލާމަށް ޖަވާބު ދިނުމަކީ ވާޖިބެއް" ކަމަށެވެ.

"ތިޔަބައިމީހުންނަށް ސަލާމް އަކުން ސަލާމް ކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމް އަކުން ތިޔަބައިމީހުން ސަލާމް ކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ." ސަލާމް ކުރުމަށް ބާރުއަޅައި ﷲ ވަހީކުރައްވާފައޮވާ އާޔަތެއްގެ މާނައިގައި ވެއެވެ.

السلام عليكم ورحمة الله وبركاته ގެ މާނައަކީ "ތިޔަބައިމީހުންގެ މައްޗަށް ސަލާމަތާއި، ﷲ ގެ ރަޙްމަތާއި ބަރަކާތް ހުއްޓެވެ." އަދި وعليكم السلام ورحمة الله وبركاته ގެ މާނައަކީ "އަދި ތިޔަބައިމީހުންގެ މައްޗަށްވެސް ސަލާމަތާއި، ﷲ ގެ ރަޙްމަތާއި ބަރަކާތް ހުއްޓެވެ.

"އިމްރާން ބުން ޙުސައިން (ރަޟިޔަ ﷲ ޢަންހު) ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم އަރިހަށް ބޭަކަލަކު ވަޑައިގެން السلام عليكم ގޮވާލެއްވިއެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ދިހަ [ހެޔޮކަމެވެ.]" އެހެން ބޭކަލަކު ވަޑައިގެން السلام عليكم ورحمة الله ގޮވާލެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ވިހި [ހެޔޮކަމެވެ.]" ތިނަވަނަ ބޭކަލަކު ވަޑައިގެން السلام عليكم ورحمة الله وبركاته ގޮވާލެއްވިއެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިރީސް [ހެޔޮކަމެވެ.]" ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

އަދުގެ ހުކުރު ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ އެހެން މީހުންގެ ގޯތި ގެދޮރަށް ވަންނަހިނދު ސަލާމް ގޮވާފަދައިން އަމިއްލަ ގެދޮރަށް ވަންނަ ހިނދުވެސް ސަލާމް ގޮވަންޖެހޭ ކަމަށާއި، އިސްލާމީ ރިވެތި ސަލާމުގެ ބަދަލުގައި "ހެލޯ"، "ހާއި"، އަދި ނިއްއަރުވާލުންފަދަ ކަންކަން ކުރުމަކީ މާތް ﷲ ގެ އޯގާވަންތަކަން ބޮލާލާޖެހުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް