ކާމިޔާބު ބޭނުންނަމަ، ނަމޫނާއަކަށް ބަލަންވީ ރޮނާލްޑޯ: ބަނާޑޯ ސިލްވާ

ކާމިޔާބު ބޭނުންނަމަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނަމޫނާއަކަށް ބެލުމަށް ރޮނާލްޑޯއާއެކު ޕޯޗުގަލްއަށް ކުޅެމުން އަންނަ ބަނާޑޯ ސިލްވާ މެންޗެސްޓާރ ސިޓީގެ ކުޅުންތެރިންގެ ކިބައިން އެދިއްޖެއެވެ.

މިދިޔަ ސީޒަންގައި ސިޓީއިން ޑޮމެސްޓިކް ތިން ތަށި ކާމިޔާބުކޮށްފައިވީނަމަވެސް، މިސީޒަންގެ އެއްބައި ނިމިގެން ގޮސްފައިވާއިރު ގިނަ ދަތިތަކާއިވަނީ ކުރިމަތިވެފައެވެ. ޕްރިމިއާ ލީގުގައި ކުޅުނު 18 މެޗުން މޮޅުވެފައިވަނީ 12 މެޗުންނެވެ. 2 މެޗު އެއްވަރުވިއިރު 4 މެޗުންވަނީ ބަލިވެފައެވެ. މިހާތަނަށް ލިބުނު 38 ޕޮއިންޓާއެކު ސިޓީ ތާވަލްގެ 3 ވަނާގައި އޮތްއިރު، އެއްވަނާގައި އޮތް ލިވަޕޫލަށްވުރެ 11 ޕޮއިންޓް މަދެވެ.

އެހެންނަމަވެސް ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބަނާޑޯ ސިލްވާ ޤަބޫލުކުރާގޮތުގައި، ސިޓީގެ ކުޅުންތެރިން ރޮނާލްޑޯ ނަމޫނާއަކަށް ބަލައިގެން ކްލަބަށް މިހާރު ދިމާވެފައި މިއޮތް އުނދަގޫތަކުން އަރައިގަނެވޭނެއެވެ.

"ރޮނާލްޑޯއަކީ އެންމެންނަށްވެސް ނަމޫނާއެއް. އެންމެ މަތީ ލެވެލްއަށް އާދެވުމަކީ ފަޞޭޙަކަމެއް ނޫން. އަދި އެއް ލެވެލްއެއްގައި ކޮންމެ އަހަރަކު ހިފަހައްޓާލުމަކީ އަދި މާ އުނދަގޫކަމެއް." ސިލްވާ ބުންޏެވެ.

ވޭތުވެދިޔަ 15 އަހަރު ރޮނާލްޑޯވަނީ ޤައުމީ ލެވެލްގައާއި ކްލަބު ލެވެލްގެ އިތުރުން އަމިއްލަ އެތަށް ކާމިޔާބީއެއް ހޯދާފައެވެ. އަދި މިހާރުވެސް ކުޅެމުންދަނީ ހަމައެޖޯޝާއި ފޯރީގައި އިތުރު ކާމިޔާބީތައް ހޯދުމަށެވެ.

ސިލްވާ ޤަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓްގައި ރޮނާލްޑޯ ހިމެނޭ ސަބަބަކީވެސް އެއީއެވެ. ރޮނާލްޑޯ ކާމިޔާބީއަށް ވާޞިލްވުމަށް ކުރާ ބުރަ މަސައްކަތެވެ.

ސިލްވާ އެދެނީ ރޮނާލްޑޯ ފަދައިން އުންމީދު ކަނޑާނުލައި ފަހު ވަގުތާއި ޖެހެންދެންވެސް ސިޓީގެ ކުޅުންތެރިން ހިތްވަރާއެކު ކާމިޔާބީއަށް މަސައްކަތް ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ