މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ހުރި މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލް ގެ އޮފީހުން މިއަދު އެދިއްޖެއެވެ.
ޕީޖީ އޮފީހުން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ދަށުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެކައުންޓުގައި ހުރި މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިި ކުރިމިނަލް ކޯޓަށް ހުށަހަޅައިފިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
މަނީ ލޯންޑްރިންގެ ދަޢުވާ ޘާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން 5 އަހަރަށް ޖަލަށް ލައި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ. ރައީސް ޔާމީން ޖަލުން ނެރުމުގެ މަސައްކަތް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ހުއްޓުމެއްނެތި ކުރަމުންދާއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފަވާއިރު، މިހާތަނަށް އެ ކަމުގައި ހައި ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.




