ހުރަވީ ސްކޫލް - ފޮޓޯ: މިހާރު

ސްކޫލްތަކުގެ އަހަރީ ޗުއްޓީ ދެބަޔަކަށް ބަހާލަނީ

އަންނަ އަހަރުން ފެށިގެން ދިރާސީ އަހަރަށް ފަހު ދޭ ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީ އަކީ އާއިލީ ގުޅުން ބަދަހިކޮށް އާއިލާއާ އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކަކަށްވުމަކީ މުހިންމުކަމެއްކަމަށާއި ނަމަވެސް މިހާރު، ދިރާސީ އަހަރުނިމި ސްކޫލްތައް ޗުއްޓީއަށް ބަންދުކުރާ ދުވަސްވަރަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ އެންމެ ބާރު ބޮޑު ދުވަސްވަރުކަމަށް ވުމުން އެ ސިނާއަތުގައި މަސައްކަތް ކުރައްވާ ބެލެނިވެރިންނަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބުމުގައި ގިނަފަހަރު ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ.

މިގޮތުން ކޮންމެ ކުއްޖަކުވެސް އަހަރީ ޗުއްޓީ އާއިލާގެ މެމްބަރުންނާއިއެކު ހޭދަކޮށްލެވޭނޭ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރެވުނު މަޝްވަރާތަކާއި ގުޅިގެން ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނެސް ދިރާސީ އަހަރު ނިންމާ މިހާރު ދޭ "ބޮޑު ޗުއްޓީ" 2 ބަޔަކަށްބާހާލުމަށް ނިންމާފައިވާކަމަށް އެ ނޫަސްބަޔާނުގައިވެއެވެ

މިގެނެވުނު ބަދަލާއިއެކު 2020 ވަނަ އަހަރުގެ ސްކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި ފެށިގެންދާނީ 31 މެއި 2020 އިން 11 ޖޫން 2020 އަށެވެ. އަދި 2 ވަނަ ބައި 06 ޑިސެންބަރު 2020 އިން 07 ޖަނަވަރީ 2021 ދިނުމަށް ވަނީ އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފައެވެ.

މިމިނިސްޓްރީ އިން ވިދާޅުވީ އަހަރީ ޗުއްޓީއަށް ގެނެވުނު މިބަދަލާއިއެކު އެހެން ސިނާއަތްތަކާއި އޮފީސްތަކަށްވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނޭ ކަމަށް ދެކޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ