ކުށް ސާބިތުވުމާއި ގުޅިގެން ދަޢުލަތަށް ނަގަންޖެހޭ ފައިސާއެއް ނުވަތަ މުދަލެއްވާނަމަ މައްސަލައިގެ ޙުކުމްގައި ބަޔާންކުރަންޖެހޭނެކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ވަކީލުން މިހެން ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ހުރި މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލް ގެ އޮފީހުން މިއަދު އެދިފައިވުމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެގޮތުން މިނޫސްބަޔާނުގައި ވިދާޅުވީ، މައްސަލައެއްގައި ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި ކޯޓުން ކުރާ ޙުކުމެއްގައި ބަޔާންކުރަންޖެހޭ ކަންތައްތައް ޤާނޫނު ނަންބަރު 22/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 158 ވަނަ މާއްދާގެ (ށ) ގައި ސާފު ބަޔާންކޮށްފައިވާއިރު، "ދައުލަތަށް ނަގަންޖެހޭ ފައިސާއެއް ނުވަތަ މުދަލެއްވާނަމަ، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކުރާ އަމުރު" އެ ޙުކުމެއްގައި ކަނޑައެޅި ބަޔާންކޮށްފައި
އޮންނަންވާނެކަމަށް އެ މާއްދާގެ 11 ވަނަ ނަންބަރުގައި ސާފު ބަހުން ބަޔާންކޮށްފައިވާކަމަށެވެ.
އެހެންނަމަވެސް ޔާމީނުގެ ވަކީލުން ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ކުރިމިނަލް ކޯޓުން ފައިސަލާކޮށް ނިމުނު އިރު އެ ދަޢުވާގެ ޝަރީޢަތުގެ އެއްވެސް
މަރުޙަލާއެއްގައި ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން ވެސް، އަދި، ޤާނޫނު ނަންބަރު 22/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 102 ވަނަ މާއްދާގެ ދަށުން ވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެކައުންޓުގައި ހުރި މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން އެދިފައި ނުވާކަމަށެވެ.
އަދި ދައުލަތުން އެފަދަ އަމުރަކަށް އެދިފައިނުވާތީ، މައްސަލައިގެ ޙުކުމް ކުރެއްވި އިރު ކޯޓުން ނެރުއްވި
ޙުކުމުގައި ވެސް އެފަދަ އަމުރެއް ހިމަނުއްވާފައެއް ނުވާކަމަށްވެސް ވަކީލުންގެ މިބަޔާނުގައި ވެއެވެ.
އެހެންކަމުން އެފަދަ އަމުރެއް ޙުކުމުގައި ހިމެނުމަށްޓަކައި ދަޢުލަތުން ޖެހޭނީ އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިޢުނާފު ކުރަންކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިބަޔާނުގައި ވަކީލުން ވިދާޅުވީ، ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު އެފަދަ އަމުރަކަށް
އެދުމަކާ ވެސް ނުލައި، އަދި ކުރިމިނަލް ކޯޓުން ނިންމެވި ޤަޟިއްޔާގެ އިސްތިޢުނާފުގެ މުއްދަތު ހަމަވެގެން ދިޔައިރު ވެސް ދައުލަތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފު ކުރެއްވުމަކާ ނުލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ ބޭރުން މިހާރު އެފަދަ އަމުރަކަށް ކުރިމިނަލް ކޯޓުގައި ދައުލަތަށް އެދެވޭނޭ އެއްވެސް ޤާނޫނީ އަދި ޝަރުއީ ހަމައެއް ވެސް ނެތްކަމަށެވެ.
އަދި މިއަދު އެފަދަ އަމުރުތައް ނެރުމަށް ދައުލަތުން މަސައްކަތް ކުރަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑަގަންނަވާ އިސްތިޢުނާފު ކުރުމުގެ ޙައްޤަށް ހުރަސް އެޅުމަށް ކަމުގައި ދެކޭކަމަށްވެސް މިބަޔާނުގައިވެއެވެ.



